ލުތުފީ ރާއްޖެ ގެނައުމަކީ އެހާ މުހިއްމުކަމެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުން ގާތު ބުނެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެެ އެވެ.
ލުތުފީ މައްސަލާ ގައި މަޖިލީހަށް ހާޒިރުވެ، ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ލުތުފީ އުޅޭ ތަނުގެ މައުލޫމާތު 2014 ވަނަ އަހަރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އޭރުގައި ފުލުހުން ތިބީ އޭނާ އަނބުރާ ރާއްޖެ ގެނައުމުގެ އެންމެ ފަހު ސްޓޭޖްގައި ކަމަށް އިމްރާން ވިދާޅުވިއެވެ.
އެހެން ނަމަވެސް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ''އެޕްރޫވަލް'' ނުލިބިގެން އެކަން ކުރިޔަށް ނުގެން ދެވުނު ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ނަމަވެސް ލުތުފީ ގެނައުމަކީ މި ސަރުކާރުގެ ''ޕްރިއޯރިޓީ'' އެއް ކަމަށް އިމްރާން ވިދާޅުވިއެވެ.
އޭރުގަ މިނިސްޓަރު ދެން އަނގަބަހުން ކޮށްފައި ހުރި މުއާމަލާތުތައް ހުރި އިނގޭތޯ. އެ ޓީމާއެކުގައި. އެ ބޭފުޅުންގެ އަތުގައި ގެނައުމަށް ތައްޔާރުވެ އޭނަ ހުރި ތަންތަނާއި ބެހޭ ގޮތުން ހޯދިފައި ހުރި މައުލޫމާތުތައް އެއްޗެހި ލިޔެކިޔުންތައް އެބަހުރި. އޭރުގެ މިނިސްޓަރު ވިދާޅުވީ ކަމަށްވަނީ ''ޕްރިއޯރިޓީ'' އެއް ނޫންކަމަށް ކޮންމެހެން ލުތުފީ މާލެ ގެނައުމަކީ.އިމްރާން އަބްދުﷲ ~ ހޯމް މިނިސްޓަރު ~
އިމްރާން ދެއްކި ވާހަކަތަކާއި ގުޅިގެން ރާއްޖެ.އެމްވީން ގުޅާލުމުން އުމަރު ނަސީރު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ. އެގޮތުން އޭރުގައި ލަންކާ ފުލުހުންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިކަމަށާއި، ލުތުފީ ހުރިތަނެއް ބުނެދޭ ފަރާތަކަށް ބޮޑެތި ފައިސާގެ އިނާމުތަކެއްވެސް ހުށަހެޅިކަމަށެވެ.
އެއީ ކަނޑައެޅިގެން ދޮގެއް 100 ޕަސެންޓް ކަނޑައެޅިގެން އެއީ ރޯ ބުހުތާން ދޮގު.އުމަރު ނަސީރު ~ ކުރީގެ ހޯމް މިނިސްޓަރު ~
ލުތުފީ ލަންކާގެ އެމްބަސީގައި ހުރިކަން ފަޅާއަރުވައިލީ އުމަރުއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުނީ 2012-2016 އާ ދެމެދު ތަފާތު އެކި ފަހަރުމަތިން ލުތުފީ ފިލައިގެން އުޅުނު ތަންތަނާ ބެހޭ މައުލޫމާތު އޭރުގެ ސަރުކާރުތަކަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭރުގެ ސަރުކާރުން ލުތުފީ ގެނައުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ފުލުހުން ބުންޏެވެ.
އެ ސަރުކާރުން ލުތުފީ ގެނައުމަށް އެއްވެސް މަސައްކަތެއްކޮށްފައިނުވާތީ ކޮމިޝަނަރ އޮފް ޕޮލިސް އެ މައްސަލަ ޖޫން 27 ވަނަ ދުވަހު ފުލުހުންގެ ޕްރޮފެޝަނަލް ސްޑޭންޑަރޑްސް ކޮމާންޑަށް ރަސްމީކޮށް ތަހުޤީޤުކޮށްދިނުމަށް ލިޔުމުން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޑޭންޑަރޑްސް ކޮމާންޑްގެ ފަރާތުން އެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމްކުޑަ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލިއެވެ. ލުތުފީ އިސްކޮށް ހުރެ މިހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކުރިއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގެ ބޭސްފަރުވާއަށް ފޮނުވުމުން އޭނާ ފިލިއެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ވެސް އޭނާ ހޯދުމުގެ މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.