Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 16:41
މަޖިލީހުގެ ގަވާއިދު ހަދަމުން އަންނަ ގަވާއިދު ކޮމިޓީ
މަޖިލީހުގެ ގަވާއިދު ހަދަމުން އަންނަ ގަވާއިދު ކޮމިޓީ
ޝުއައިބް މުހައްމަދު އިގްބާލް
މަޖިލީހުގެ ގަވާއިދު
މަގްބޫލް އުޒުރަކާއި ނުލައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުވާނަމަ، މުސާރައިގެ 50 ޕަސެންޓް ކަނޑަނީ
ދެ ބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވެއްޖެނަމަ މެމްބަރުންގެ މުސާރައިގެ 50 ޕަސެންޓް އުނިވާނެ
މަޖިލީހުން އަމަލުކުރަންޖެހޭ ގަވާއިދު ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ 11 މެމްބަރުންގެ ކޮމިޓީއަކުން
29 މެއިގައި އޮތް ޖަލްސާގައި ފާސްކޮށްފައިވަނީ 30 ދުވަހުގެ ތެރޭގައި މަޖިލީހުގެ ގަވާއިދު ހަދާ ނިންމުމަށް

މަގްބޫލް އުޒުރެއްނެތި މަހެއްގެ ދެ ބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވެއްޖެނަމަ މެމްބަރުންގެ މުސާރައިގެ 50 ޕަސެންޓް އުނިވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ގަވާއިދު ކޮމިޓީން ފާސްކޮށްފިއެވެ.

މި ގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ގަވާއިދު އެކުލަވާލަމުން އަންނަ ގަވާއިދު ކޮމިޓީންނެވެ.

މަޖިލީހުގެ ގަވާއިދު ކޮމިޓީގެ އާދީއްތަ ދުވަހުގެ ބައްދަލުވުމުގައި ކޮމިޓީން ފާސްކޮށްފައިވަނީ މަގްބޫލް އުޒުރެއްނެތި މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން މަހެއްގެ ދެބައި ކުޅަ އެއްބައި ޖަލްސާއަށް މެމްބަރަކު ސަލާމް ބުނެފިނަމަ، މެމްބަރުގެ މުސާރައިގެ ދެބައި ކުޅަ އެއްބައި ކަނޑާ ގޮތަށެވެ. އެއީ މުސާރައިގެ 50 ޕަސެންޓްއެވެ. މަގްބޫލް އުޒުރުގެ ގޮތުގައި ބަލަން ނިންމާފައިވަނީ ސަލާމާއި، ޗުއްޓީ އެވެ.

Advertisement

މި ގަވާއިދަށް އަމަލުކުރާނީ މަޖިލީހުގެ ތަޅުމުން މި ގަވާއިދު ފާސްކޮށްފިނަމައެވެ.

މަޖިލިސް މެމްބަރަކަށް މުސާރައިގެ ގޮތުގައި ލިބެނީ 42000 (ސާޅީސް ދެހާސް ރުފިޔާ) ރުފިޔާއެވެ. ހައުސިންގެ އެލަވަންސްގެ ގޮތުގައި 20000 (ވިހި ހާސް ) ރުފިޔާ ލިބޭއިރު، ކޮމިޓީ އިލެވެންސްގެ ގޮތުގައި 20000( ވިހި ހާސް ރުފިޔާ ) މެމްބަރުންނަށް ކޮންމެ މަހަކު ލިބިވަޑައިގަންނަވައެވެ. ކޮމިޓީ އެލަވަންސް މެމްބަރުންނަށް ލިބިވަޑައިގަންނަވަނީ ކޮމިޓީއަށް ގަވާއިދުން ހާޒިރުވާނަމައެވެ. މެމްބަރުން މަގްބޫލް އުޒުރެއްނެތި ދެބައި ކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވެގެން މުސާރައިގެ 50 ޕަސެންޓް އުނިވާ ގޮތަށް ކޮމިޓީން ފާސްކޮށްފައިވާއިރު، މެމްބަރުން ޖަލްސާއަށް ސަލާމް ބުނި ނަމަވެސް ހައުސިންގ އިލެވެންސް ބަރާބަރަށް ލިބިވަޑައިގަންނަވާނެއެވެ.

ކޮމިޓީ ރިޕޯޓްގެ ޑްރާފްޓް ހޯމަ ދުވަހު މަޖިލިސް މެމްބަރުންނާއި، މަޖިލީހުގެ ރައީސް އަށް ފޮނުވުމަށް ވަނީ ނިންމާފައި

ގާތްގަނޑަކަށް 260 މާއްދާ އެކުލެވޭ މަޖިލީހުގެ ގަވާއިދުގެ ޑްރާފްޓް ހޯމަ ދުވަހު ނިންމާލެވޭނެ ކަމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ ވަނީ ވިދާޅުވެފައެވެ. ޢަފޫރު ވިދާޅުވީ މަޖިލީހުގެ ރައީސް އާއި މެމްބަރުން ރިވިއު ކުރުމަށް ކޮމިޓީ ރިޕޯޓްގެ ޑްރާފްޓް ހޯމަ ދުވަހު ފޮނުވާލާނެ ކަމަށެވެ.

މަޖިލީހުން އަމަލުކުރަންޖެހޭ ގަވާއިދު ހެދުމުގެ މަސައްކަތް 11 މެމްބަރުން ހިމެނޭ ކޮމިޓީއަކުން ކުރުމަށް ފާސްކޮށްފައިވަނީ 29 މެއިގައި އޮތް ޖަލްސާގައެވެ.

29 މެއިގައި އޮތް ޖަލްސާގައި ފާސްކޮށްފައިވަނީ 30 ދުވަހުގެ ތެރޭގައި މިހާރު އަމަލުކުރަމުންދާ މަޖިލީހުގެ ގަވާއިދުގެ ބަދަލުގައި، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފާސްކުރި ގަވާއިދަށް އަމަލުކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ގަވާއިދު ހަދަން ވާނީ ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނެ ގޮތަށް އަދި އެބައި މީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނެ ދިމިގްރާތީ އުސޫލުތައް އެކުލެވޭނެ އަދި ޖަވާބުދާރީވާ، ހާމަކަން ބޮޑު ގޮތަކަށް މަޖިލިސް ހިންގުމަށް ބޭނުންވާނެ އުސޫލުތަކުގެ މައްޗަށެވެ.

މަޖިލީހުން ހަދާ ގަވާއިދުގައި މެމްބަރުންގެ ސުލޫކީ މިންގަނޑުތަކާއި ހާޒިރީއާ ގުޅޭ އުސޫލުތައް ހިމެނިދާނެ ކަމަށާއި މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވެއްޖެ ނަމަ، މެމްބަރެއްގެ މުސާރަ އާއި އިނާޔަތްތައް ކެނޑޭނެ ގޮތްތައް ވެސް ކަނޑައެޅިދާނެ ކަމަށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައި ބުނެފައިވެއެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމިދިޔައިރު ވެސް، އެ މަޖިލީހުގެ ގަވާއިދު ހަދާފައި ނުވެއެވެ. އެ މަޖިލީހުން އަމަލު ކުރީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ބައެއް އިސްލާހުތަކެއް ގެނެސްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 ޖުލައި 2019 | އާދީއްތަ 19:55
ރަމީޒު
އެކައުންޓަބިލިޓީ މަޖިލީސް މެމްބަރުންނަށް ވެސް އޮތް ނަން ޖެހޭ
7 ޖުލައި 2019 | އާދީއްތަ 19:37
ަނެކްސްޓް އެމްޕީ
އަހަރަކު ކިތަށް ސަލާން ބުނެވޭބާ؟؟ ސިވިލް ސަރވިސްގަ 30 މި މީހުން 365 ބާ؟؟