ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ޖުޑީޝަރީ ކޮމިޓީއަށް ހާޒިރު ކުރުމަށް އެކޮމިޓީއިން ނިންމައިފިއެވެ.
ބިޝާމް ހާޒިރުކުރުމަށް ނިންމާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ބިޝާމް ހާޒިރު ކުރާނީ ކޮންކަމަކާއި ގުޅިގެންތޯ ނިންމާނީ ހޯމަ ދުވަހު ބާއްވާ ޖުޑީޝަރީ ކޮމިޓީގައެވެ.
އާދީއްތަ ދުވަހު ބޭއްވި ކޮމިޓީގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީގެ) އޮފީހާއި ޗައިނާގެ ޕްރޮސެކިއުޝަންގެ އޮފީހާއި ދެމެދު 2017 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޗައިނާއަށް ތަމްރީނު ހޯދުމަށް އެ އޮފީހުގެ ވަކީލުން ފޮނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެކަމާއި ބެހޭ މައުލޫމާތު ސާފުކުރުމަށް ޕީޖީ އޮފީހަށް ހުށައެޅުމަށް އެދިލައްވާ ކަމަށް ވިދާޅުވެފައެވެ.
އަދި ޗައިނާއިން ދޭ ތަމްރީނުތައް ދައުލަތުގެ ވަކީލުންނަށް ދޭއިރު އެ ތަމްރީނުތައް އިތުރަށް ބައްޓަން ވެގެންދާ ގޮތާއި ތަމްރީނުގެ މަގުސަދުތައް ދެނެގަތުމަށް އެދިލައްވާ ކަމަށް ހިސާން ވިދާޅުވިއެވެ. މީގެ އިތުރުން އެ އެއްބަސްވުމަކީ ޕީޖީ އޮފީހަށް ކޮންކަހަލަ ފައިދާ ތަކެއް ލިބޭ ކަމެއްތޯއާއި ޗައިނާ އިޚްތިޔާރު ކުރީ ކޮންކަހަލަ ސަބަބަކާއި ހެދިކަން ސާފުކުރަން އެދިލައްވާ ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާންގެ ހުށައެޅުއްވުމަށް ތާއީދުކޮށް ހެންވޭރު ހުޅަނގު ދާއިރާގެމެމްބަރު ހަސަން ލަތީފު ވިދާޅުވީ ޗައިނާގެ އިތުރުންމިހާތަނަށް ޕީޖީގެ އޮފީހުން ވަކީލުންނަށް ތަމްރީނު ދިނުމަށް އެ އޮފީހުން ފޮނުވި ގައުމުތައް ސާފު ކުރުމަށް ބޭނުންވެލައްވާ ކަމަށެވެ.
ޑިމޮކްރަޓިކް މާހައުލެއްގައި ލިބޭ ތަމްރީނެއް ރާއްޖެއަށް ހަގީގަތުގައި ބޭނުން ވަނީ. ހަގީގަތުގައި ޗައިނާއިން ޕްރޮސެކިއުޓަރުން ތަމްރީނު ކުރުމަކީ އެހާ ބޭނުން ކަމެއްކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެ ޓްރެއިނިންގެ ބޭނުން މިހާރުގެ ގާނޫނު އަސާސީ އޮތް ގޮތުން އަޅުގަނޑަކަށް ނުފެނޭހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ވޭތުވެދިޔަ މުއްދަތުގައި ޕީޖީގެ މަގާމުގައި ހުންނަވައި ގާނޫނާއި ޚިލާފު އަމަލުތައް ހިންގެވިކަން ފާހަގަވެފައިވާތީ އެކަން ކޮމިޓީއިން ބަލައި އެކަން ހިނގައިދިޔަ ގޮތް ސާފު ކުރުމަށް ބިޝާމް ހާޒިރު ކުރެއްވުމަށް އެދިލައްވާ ކަމަށެވެ.
ބިޝާމް ޕީޖީގެ މަގާމަށް އައްޔަންކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.