Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 16:52
ލޮނުޒިޔާރަތް ކޮޅުގައި ހުންނަ ނިއުޕޯޓް ވިއު
ލޮނުޒިޔާރަތް ކޮޅުގައި ހުންނަ ނިއުޕޯޓް ވިއު
ޝުއައިބް މުހައްމަދު އިގްބާލް
ނިއުޕޯޓުގެ މުވައްޒަފުންގެ މުސާރަ މައްސަލަ
ނިއުޕޯޓުގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަ މަސް!
މުސާރަ ނުދެވިގެން އުޅެނީ ދައުލަތުން ދޭން ޖެހޭ ފައިސާ ނުލިބިގެން ކަމަށް ކުންފުނިން އަންގާފައިވޭ
70 ވަަރަކަށް މުވައްޒަފުންގެ މުސާރައިގެ ކަންތަކުގައި އިހުމާލުވެފައިވާ ކަމަށް މުވައްޒަފުން ތުހުމަތުކުރޭ
މައްސަލަ ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށައަޅާފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ކަށަވަރުކޮށްދީފައި

ސްޓްރާޑް ކުންފުނިން ހިންގާ ނިއުޕޯޓުގެ އައުޓްލެޓްތަކުގައި އުޅޭ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަ މަސް ވެއްޖެ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން ނުޖަހަން ޝަރުތުކޮށް އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، ކޮންމެ ފަހަރަކުވެސް ޖެހިގެން އަންނަ މަހު އެ ފައިސާ ދޭނެ ކަމަށް ބުނެ އެކި ބަހަނާތައް ދައްކަމުން ދާކަމަށެވެ. މުސާރަ ނުދެވިގެން އުޅެނީ ދިވެހި ދައުލަތުން ދައްކަން ޖެހޭ ބޮޑު އަދަދެއްގެ ފައިސާ ނުލިބިގެން ކަމަށާއި، އެ ފައިސާ ލިބުނުހާ އަވަހަކަށް މުސާރަ ދޭނެ ކަމަށް ކުންފުނީގެ ވެރިން އަންގާފައިވާ ކަމަށް ވެސް މުވައްޒަފުންތައް މައުލޫމާތު ދީފައިވެއެވެ.

ގިނަ މުވައްޒަފުންގެ މުސާރަ 400 ޑޮލަރާއި 500 ޑޮލަރާ ދެމެދުގަ ހުރިއިރު، އެއްވެސް ފައިސާއެއް ދިނުމަށް ކުންފުނިން އިއުތިރާޒު ކޮށްފައިވެއެވެ. ރާއްޖެއެމްވީއަށް ވަނީ އެ ކުންފުނީގެ ބައެއް ފަރާތްތަކުން މުސާރަ ދޭނެ ކަމަށް ބުނެ ފޮނުވާފައިވާ ވައިބަރ މެސެޖުތަކެއް ވެސް ލިބިފައެވެ. އެގޮތުން އެ މުވައްޒަފުން މައުލޫމާތު ދީފައިވާ ގޮތަށް، މެސެޖުތަކުގައި ވަނީ މުސާރަ ދިނުން ލަސްވަނީ ދައުލަތުން ދޭން ޖެހޭ ފައިސާ ނުލިބިގެން ކަމަށެވެ.

އޭގެ އިތުރުން އެ މީހުންގެ ކެއިން ބުއިމުގެ ކަންތައްތަކުގައި ވެސް ކުންފުނިން އިހުމާލު ވެފައިވާ ކަމަށް ވެސް އެ މުވައްޒަފުން ބުނެފައިވެއެވެ. އަދި ބައެއް މުވައްޒަފުންގެ ވިސާ ހަމަވެފައިވާ އިރު، އިމިގްރޭޝަންގައި ބްލެކްލިސްޓް ވެފައިވާ ކަމަށް ބުނެ ވިސާ ވެސް އާކޮށްދީފައި ނުވާ ކަމަށް ވެސް ތުހުމަތު ކުރިއެވެ. ގާތްގަނޑަކަށް 70 ވަރަކަށް މުވައްޒަފުންނަށް މި ހާލަތު ދިމާވެފައިވާ ކަމަށާއި، އޭގެ ތެރޭގައި އިންޑިއާ، ލަންކާ އަދި ފިލިޕީންސްއަށް ނިސްބަތްވާ މުވައްޒަފުން ހިމެނޭ ކަމަށް ވެސް އެ މީހުން ބުނެފައިވެއެވެ.

Advertisement

މިހާތަނަަށް އެ މީހުން މުސާރަ ހޯދަން ކުރި މަސައްކަތް ނާކާމިޔާބު ވުމާއި ގުޅިގެން، އާދިއްތަ ދުވަހު އެ މައްސަލަ ވަނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށައަޅާފައެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވެސް ވަނީ ސްޓްރާޑާ ކުންފުނީގެ މުވައްޒަފުންތަކެއް މުސާރަ ނުލިބިގެން މައްސަލަ ހުށައަޅާފައިވާ ކަން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފައެވެ. ނަމަވެސް މައްސަލައިގެ ސައްހަކަން ނިންމޭނީ ހުށައަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމަށް ފަހުގައި ކަމަށް ވެސް އެ އޮތޯރިޓީން މައުލޫމާތު ދީފައިވެއެވެ.

މިހާތަނަށް ކުންފުނީގެ މެނޭޖްމަންޓާ ވާހަކަ ދައްކައިގެން އަލިމަގެއް ފެނިފައި ނުވާއިރު، އެ މައްސަލަ އިމިގްރޭޝަންއަށާއި އެމްބަސީއަށް ވެސް ހުށައަޅާފައި ވާނެ ކަމަށް އެ މުވައްޒަފުން ބުނެފައިވެއެވެ. މިކަމާ ބެހޭގޮތުން ސްޓްރާޑާގެ ބަހެއް ހޯދަން އެ ކުންފުނީގެ އެއް ހިއްސާދާރު ކަމުގައިވާ ޒާހިދު ރަމީޒަށް ގުޅާލިއިރު، އޭނާގެ ނަންބަރު އޮތީ ނިއްވާލާފައެވެ. ކުރިން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޒާހިދު ރަމީޒުވަނީ، ނިމިދިޔަ ރިޔާސީ އިންތިހާބަށް ފަހު، އަނބިކަނބަލުން މަލަކާ އަބްދުލް ހަކީމް މެނޭޖިންގ ޑިރެކްޓަރަކަށް ހަދާފައެވެ.

ސްޓްރާޑާ ކުންފުނިން ހިންގާ ނިއުޕޯޓް ވިއުގެ މައްސަލައިގައި އެ ކުންފުނިން ވަނީ ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައެވެ. އެގޮތުން އެ ކުންފުނިން ދައުވާކުރީ، ނިއުޕޯޓް ވިއު ހުސްކުރަން އެންގި މައްސަލައިގައި ދައުލަތުން ބަދަލު ހޯދުމަށް އެދިއެވެ. ޕްލޭނިންގ މިނިސްޓްރީ އެތަނުގެ ކުލި ނުދައްކާ އޮތް މައްސަލައިގައި ތަން ހުސްކުރަން އެންގުމުން، ސްޓްރާޑާއިން ބުނީ ތަން ހުސްކުރާނީ ކޯޓު އަމުރަކާ އެކު ކަމަށެވެ. ސިވިލް ކޯޓުން ވެސް ވަނީ ސްޓްރާޑާއިން އެ ކޯޓަށް ހުށައަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، އެތަން ހުސްކުރަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަނޑައަޅާފައެވެ.

އޭގެ އިތުރުން ނިއުޕޯޓް ހުންނަ ސަރަހައްދުގައި އެ ކުންފުނިން ހިންގަމުން އައި ޗާޓައިމް ތަޅާލި މައްސަލައިގައި ރައީސް ޔާމިންގެ ސަރުކާރުން ބަދަލުގެ ގޮތުގައި ދޭން ނިންމި 14.4 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޭން ނުޖެހޭނެ ކަމަށް އޭސީސީން ވަނީ އަންގާފައެވެ. އޭސީސީން ބުނީ އެއީ ވަކި ބަޔަކަށް ނާޖައިޒު މަންފާއެއް ހޯދައި ދިނުމުގެ ނިޔަތުގައި ދޭން ނިންމި އަދަދެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 ޖުލައި 2019 | އާދީއްތަ 18:37
ޢަނީ
ކަރަންޓް ބިލް ވެސް ނުދައްކާތާ އެތައް މަހެއްވެއްޖެ. ބިލް ދައްކަން ދިން ޗެކްތައްވެސް ބައުންސް ވީ. އެހެން ނަމަވެސް ކަރަންޓް ކަނޑާލާ ކޮންމެ ފަހަރަކު މިސަރުކާރުގެ ނުފޫޒުު ގަދަ ބަޔަކު އަންގައިގެން ކަރަންޓް ދޭ. ޒީރޯ ޓޯލަރެންސް ވީމަ ވާގޮތް ކަންނޭންގެ.