Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 13:14
ރައީސް މައުމޫން (ވ)، އަދި މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫން (ކ)
ރައީސް މައުމޫން (ވ)، އަދި މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫން (ކ)
މުހައްމަދު ޝަރުހާން
މޯލްޑިވްސް ރިފޯމް މޫވްމަންޓް
އެމްއާރުއެމް ރެޖިސްޓްރީ ކުރަން ހުށަހަޅާނެ ދުވަހެއް އަދި ނުނިންމަން: ޔުމްނާ
ދެ ވަނަ ފަހަރަށް ހުއްދައަށް އެދުނީ މެއި މަހުގެ 27 ގައި
ރެޖިސްޓްރީ ކުރާ ނަމަ ސައްހަ 3،000 މީހުންގެ ސޮޔާއެކު ހުށަހަޅަންޖެހޭ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ރެޖިސްޓްރީކުރަން އިލެކްޝަން ކަމިޝަނަށް ހުށައަޅާނީ ކޮން ދުވަހަކުންކަމެއް އަދި ނުނިންމަވާކަމަށް އެޕާޓީ އުފެދުމަށް އަލުން ހުއްދައަށް އެދިވަޑައިގެންނެވި މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީ، އެމްއާރުއެމް އުފެއްދުމަށް ފުރަތަމަ ހުއްދައަށް އެދުނީ ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ އިބްރާހީމް ހަސަން (ޗަބީ) ނަމުގައެވެ. އެއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކަމިޝަނުން ދިން މުއްދަތު ހަމަވާން ކައިރި ވެފައިވަނިކޮށް ޑރ. އިބްރާހީމް ހަސަން ވަނީ ޕާޓީ އުފެއްދުމަށް އެދުނު ހުއްދަ ބާތިލްކުރުމަށް ހުށަހަޅާފަ އެވެ.

Advertisement

އޭގެ ފަހުން އެމްއާރުއެމްގެ ނަމުގައި ޕާޓީގެ ރެޖިސްޓްރީކުރުމުގެ ދެ ވަނަ ފަހަރަށް ހުއްދައަށް މެއި މަހުގެ 27 ގައި އެދިލެއްވީ ޔުމްނާއެވެ.

ޔުމްނާ ރާއްޖެއެމްވީއަށް ވިދާޅުވީ އެމްއާރުއެމްއަށް މެމްބަރުން އިތުރު ކުރުމަށް މަސައްކަތްތައް ކުރައްވަމުންދާކަމަށެވެ. އެގޮތުން މެމްބަރުން އިތުރު ކުރުމަށް ޕާޓީގެ ޒުވާނުންގެ ޓީމާއި، އަންހެނުންގެ ޓީމުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ޕާޓީގެ ޒުވާނުނާއި، އަންހެނުން އެމަސައްކަތް ކުރައްވަމުން ގެންދަވަނީ މެމްބަރުން އިތުރުކުރެއްވުމަށް.
ޔުމްނާ މައުމޫން / ހެރިޓޭޖް އެންޑް ކަލްޗަރ މިނިސްޓަރ

ޕާޓީ ރެޖިސްޓްރީ ކުރުމަށް ވަކި ދުވަހެއް ނިންމާނީ ޕާޓީ އުފެއްދުމަށް އިސް ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށް ޔުމްނާ ވިދާޅުވިއެވެ.

އެ ޕާޓީ އުފެއްދުމަށް އިލެކްޝަން ކަމިޝަނުން އަލުން ދިން ހުއްދަ އޮގަސްޓް 27 ވަނަ ދުވަހަށް ހަމަވާނެއެވެ.

ސިޔާސީ ޕާޓީތަކުގެ ގަވައިދު ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ރެޖިސްޓްރީ ކުރާ ނަމަ ސައްހަ 3،000 މީހުންގެ ސޮޔާއެކު ފޯމް ހުށަހަޅަންޖެހެއެވެ. އަދި އެ އަދަދު ހަމަވުމުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާ ޕާޓީގެ އިސް މަގާމުތައް ކަނޑައަޅާ މެމްބަރުން އައްޔަންކުރުމުން ޕާޓީ ރަޖިސްޓްރީ ވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ރައީސް މައުމޫން އިސްވެ ހުންނަވާ އެމްއާރުއެމް އުފެއްދުމަށް މަސައްކަތް ކުރައްވާއިރު އެޕާޓީ ވެގެންދާނީ އެމަނުކުފާނު އިސްވެ ހުންނަވާ އުފައްދަވާ ތިންވަނަ ޕާޓީއަށެވެ. އެންމެ ފުރަތަމަ ޕާޓީއެއް އުފައްދަވާފައިވަނީ 2008 ވަނަ އަހަރު ޑީއާރުޕީއެވެ. ނަމަވެސް އެޕާޓީގެ ލީޑަރ އަހުމަދު ތަސްމީނާއި، ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު ޕާޓީ ދޫކުރައްވާ 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދެވިއެވެ.

ޕީޕީއެމްގެ ލީޑާޝިޕްގެ މައްސަލާގައި ސްޕްރީމް ކޯޓުން މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ސްޕްރީމް ކޯޓުން ވަނީ ޕީޕީއެމްގެ ލީޑަރ ޝިޕަކީ ސައްހަ ލީޑާޝިޕެއް ކަމަށް ނިންމައި، އެ ޕާޓީ ރައީސްކަން ކުރީގެ ރައީސް ޔާމީން އަބްދުﷲ އާއި ހަވާލުކޮށްފައެވެ. އެއާއެކު އެޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވައި ރައީސް މައުމޫން ޕާޓީއަށް ފޮނުވި ސިޓީގައި ވިދާޅުވީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޕީޕީއެމް ހިންގަމުން ގެންގޮސްފައިވަނީ އަދި މިހާރުވެސް ހިންގަމުންދަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް