ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސާލިހް، ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރަމުން އެބަދެއެވެ.
2017 ވަނަ އަހަރު ކޯޓު އަމުރެއްގެ ދަށުން ޔާސިރު ހައްޔަރުކުރީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް އަދި އިސްލާމިކް ޔުނިވާސިޓީގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށެވެ. އޭނާ ހައްޔަރުކުރީ ޑީޕޯޓް ކުރުމަށް ފަހު އިމިގްރޭޝަނާ ހަވާލު ކުރަން ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ. ހައްޔަރުކުރުމަށް ފަހު މިއަދާ ހަމައަށް ވެސް އޭނާ ބަންދުކޮށްފައި ބަހައްޓާފައި ހުޅުމާލޭގައި ހުންނަ ކަރެކްޝަނަލް ސާވިސްގެ ޑިޓެންޝަން ސެންޓަރުގައެވެ.
ޔާސިރު ވަނީ އޭނާގެ ކަންބޮޑުވުންތައް ހިއްސާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ސިޓީއެއް ލިޔެފައެވެ.ސިޓީގައި ޔާސިރު ބުނެފައިވަނީ، ޑިޓެންޝަން ސެންޓަރުގައި އޭނާއާއި މެދު ކަންތައް ކުރަމުންދަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާ އެކަމުގެ ސަބަބުން 26 ޖޫން އިން ފެށިގެން އޭނާ ވަނީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ފަށާފައި ކަމަށެވެ.
އެއްވެސް ކުށެއް ނެތި އަނބިމީހާ އާއި ދަރިފުޅާ ވަކިން ދެ އަހަރާއި ހަތަރު މަސް ވަންދެން ބަންދުކޮށްފައި ބަހައްޓާފައި ހުރީ ކީއްވެތޯއާއި ދައުވާއެއްކޮށް ޝަރީއަތެއް ނުބާއްވަނީ ކީއްވެގެންތޯ ޔާސިރު ސުވާލު ކޮށްފައިވެއެވެ. އަދި އޭނާއަކީ ޓެރަރިސްޓެއް ނޫން ކަމަށާއި އޭނާ އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.
ބަންދުގައި ހުންނަ އިރު އޭނާއަށް ލިބެންޖެހޭ ހައްގުތަކުން އެކަހެރި ކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، ޔާސިރުގެ އާއިލާ އިން ވޭތުވެ ދިޔަ އަހަރު ބަޔާނެއްވެސް ނެރުނެވެ.
އާއިލާއިން ނެރުނު ބަޔާނާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެފައިވަނީ ޔާސިރު އާ ގުޅޭ ސީރިއަސް މައްސަލަތަކެއް އެބަހުރި ކަމަށާ އޭނާއާ ބެހޭ ގޮތުން މިހާތަނަށް އާއްމު ވެފައިވާ މައުލޫމާތުތަކަކީ އެންމެ ސައްހަ މައުލޫމާތު ނޫން ކަމަށެވެ.
ޔާސިރު ހައްޔަރު ކުރެވުނީ ސައުދީ ރަސްގެފާން ސަލްމާން ބިން އަބުދުލް އަޒީޒް ރާއްޖެއަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައި އޮތް ދުވަސްވަރުގަ އެވެ.