ކަލާފާނު ސްކޫލަށް 30 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ފެހިދުވުން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅިވަރު އެކުވެނި ދަނޑުގައި ބޭއްވި މި ރަސްމިއްޔާތުގައި، ފެހިދުވުމުގެ 30 ގަޑިއިރުގެ ދުވުމުގެ އެންމެ ފަހުބުރުގެ ދުވުމުގައި އެކަމަނާ ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ކަލާފާނު ސްކޫލުގެ ފަރާތުން އެކަމަނާއަށް ވަނީ "ހަނދާނީ ދިދަ" އެއް އަރުވާފައެވެ.
ކަލާފާނު ސްކޫލުގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި 30 ގަޑިއިރުގެ މި ދުވުން ފަށާފައި ވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 3 ޖެހިއިރުއެވެ. ދުވުން ފެށުމަށްފަހު އެ ސްކޫލޫގެ އިސް ދަރިވަރުންނާއި މިހާރުގެ ދަރިވަރުން ގްރޫޕްތަކަށް ބަހާލައިގެން 30 ގަޑިއިރު ހަމަވަންދެން ދުވުން ކުރިޔަށް ގެންގޮސްފައި ވެއެވެ.
ދުވުން ނިންމުމާ ހަމައަށް އެ ސްކޫލުގެ އިސް ދަރިވަރުންނާއި މިހާރުގެ ދެހާހެއްހާ ދަރިވަރުން މިދުވުމުގައި ބައިވެރިވެފައިވެއެވެ.
މި ހަރަކާތް ކުރިޔަށްދިޔައިރު ޚާއްޞަ ހަރަކާތެއްގެ ގޮތުގައި، 'ދުޅަހެޔޮ ދިރިއުޅުމަކަށް މިންހެޔޮ ކާނާއާއި ކަސްރަތު' މި ޝިއާރުގެ ދަށުން 'ލިވް ލައިފް'ގެ ނަމުގައި ކަސްރަތު ޕްރޮގްރާމެއް ވަނީ ފަށާފައެވެ. މީގެ ކުރިން އެއްވެސް ސްކޫލެއްގައި މިފަދަ ޕްރޮގްރާމެއް ކުރިޔަށްގެންގޮސްފައި ނުވާއިރު މިކަމަކީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެޕްރޫވަލް ލިބިފައިވާ ކަސްރަތު ޕްރޮގްރާމެއްްކަން ފާހަގަ ކޮށްލެވެއެވެ.
މި ޕްރޮގްރާމަކީ ކަލާފާނު ސްކޫލުގެ ދަރިވަރުންނަކީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އެޕްރޫވްކުރާ މިންގަނޑަށް ފެތޭ ކުދިން ތިބި ފުރަތަމަ ސްކޫލަށް ހެދުމުގެ ގޮތުން ކުރިޔަށްގެންދެވޭ ޕްރޮގްރާމެކެވެ.
ފެހިދުވުން ކުރިޔަށްދިޔައިރު މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއި ޒުންބާގެ ސެޝަންތަކާއި ޞިއްޙީ ކަންކަމަށް އަހުލުވެރިކުރުމުގެ ގޮތުން ސްޓޯލްތައް ބަހައްޓައިގެން އެސަރަހައްދުގައި ހަރަކާތްތައް ކުރިޔަށްގެންގޮސްފައި ވެއެވެ.
މި ހަރަކާތުގެ މަޤްޞަދުތަކުގެ ތެރޭގައި ދަރިވަރުންނަށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމާއެކު އެ ސްކޫލުގެ ދަރިވަރުންނަކީ އަބަދުވެސް ދުޅަހެޔޮ ދިރިއުޅުމަކަށް މިންހެޔޮ ކާނާއާ ކަސްރަތުގެ މުހިންމުކަން ޤަބޫލުކޮށް އެގޮތަށް އަމަލުކުރާ ބަޔަކަށް ހެދުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.