ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ފުލުހުންތަކެއް މީހަކު ހައްޔަރު ކުރުމުގެ ތެރޭގައި އެމިހާއަށް އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައިފިއެވެ.
ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ ވީޑިއޯ އިން ފެންނަނީ ފުލުހުންގެ ބަޔަކު މީހަކު ހައްޔަރުކުރުމުގެ ތެރޭގައި ކޮޅުފައިން ޖަހައި އެމީހާއަށް އަނިޔާކުރާ މަންޒަރެވެ.
ކޯޓު އަމުރަކާއެކު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ފުލުހުން އޭނާއަށް އަނިޔާކުރާ ވީޑިއޯ އާންމު ވުމާއެކު އޮޕަރޭޝަން ހިންގި ގޭގެ ކުރިމަތީގައި ހުރި އެމްޑީޕީ ގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ ގެއަށް ވަދެ ފުލުހުން ވަނީ އެ މީހުންނަށް ބިރުދައްކާ އިންޒާރުވެސް ދީފައެވެ. އަނިޔާ ކުރި ފުލުހުން މިހާރު ސަަސްޕެންޑް ކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ.
އެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އާދިއްތަ ދުވަހު ފަހެއް ޖަހާއިރު ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، އެ މައްސަލައަކީ ޖެންޑާ ކޮމިޓީން އިސްނަގައިގެން ބަލަން ނިންމި މައްސަލައެއް ކަމަށެވެ.
ޖެންޑާ ކޮމިޓީން ވަނީ މީގެ ކުރިން މާފުށި ޖަލުގައި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންތަކެއް ގައިދީން ތަކަކާއި ދެމެދު ހިނގި މައްސަލައަކާއި ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުއާޒު އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.