ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިގެން ހޯދި، ޝައިމް އަބްދުﷲ ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި ,ހައްޔަރުކުރި ދެ މީހުން ބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރުމަށްޓަކާ ކްރިމިނަލް ކޯޓުން އެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިދީފިއެވެ.
ފުލުހުން ބުނީ ޝައިމް ފޮރުވައިގެން ގެންގުޅުނު މައްސަލައިގަ 4 ޖުލައިގައި ހައްޔަރު ކުރެވުނު 46 އަހަރުގެ ދިވެހި އަންހެންމީހާގެ ބަންދުގެ މުއްދަތުގެ ގޮތުގައި 6 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.
އަދި ހަމަ މި މައްސަލައިގެ ތުހުމަތުގައި 5 ޖުލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ 23 އަހަރުގެ ދިވެހި ފިރިހެންމީހާގެ ބަންދުގެ މުއްދަތުގެ ގޮތުގައި 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.
އުމުރުން 14 އަހަރުގެ ޝައިމް ގެއްލިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 18 ވީ އަންގާރަ ދުވަހުއެވެ. ޝައިމް ހޯދާފައިވަނީ ޖުލައި އެއްވަނަ ދުވަހު މާލޭގެ ގެއަކުންނެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ
ޝައިމް ގެއްލިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓަ އެވެ. އެ މައްސަލާގައި ގިނަ ބަޔެއްގެ ފާޑުކިޔުންތައް ޖެންޑާރ މިނިސްޓަރަށް އަމާޒުވިއިރު، މިނިސްޓަރ ޝިދާތާ ވަނީ ޝައިމް ފިލީ ކަމަށާއި، ފިލުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރި ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން މިހާރަށް ވުރެ ރަނގަޅަށް ބެލުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ