މި އަހަރުވެސް ދިވެހިރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް 1،000 ކޯޓާ ސައުދީ އަރަބިއްޔާ އިން އިތުރުކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު މިނިސްޓަރ ޒާހިރު ކުރައްވާފައިވާ ޓްވީޓްގައިވަނީ ދިވެހި ސަރުކާރުން ކުރި މަސައްކަތުން އިތުރު 1،000 ހައްޖު ކޯޓާ ސައުދީން ދީފައިވާ ކަމަށެވެ. އާންމު ގޮތެއްގައި ކޮންމެ އަހަރަކު ވެސް ސައުދީން ރާއްޖެއަށް ކަނޑައަޅާފައި އޮންނަނީ 1000 ކޯޓާއެވެ.
މި އަހަރު ވެސް ކޯޓާ ލިބުނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ބުރާސްފަތި ދުވަހު ވިދާޅުވުމާއެކު އެ ކޯޓާތައް ހައްޖު ކުންފުނިތަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ސައޫދީ ސަރުކާރުން ރަސްމީކޮށް ރާއްޖެ އަށް ދެނީ އަހަރަކަށް 1،000 މީހުންގެ ކޯޓާ އެވެ. ނަމަވެސް ސައުދީ ރަސްގެފާނުގެ ހާއްސަ އިނާޔަތުގެ ދަށުން ދެއްވާ އިތުރު 1،000 ކޯޓާ އާއިއެކު އަހަރަކު ޖުމްލަ 2،000 ކޯޓާ ރާއްޖެ އަށް ދެމުން އަންނަތާ ތިން އަހަރު ވެއްޖެ އެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބް ޝާފިއު އަލީ ރާއްޖެ އެމްވީއަށް ކުރިން ވިދާޅުވެފައިވަނީ 2000 ކޯޓާގެ ތެރެއިން 50 އިން ސައްތަ ހައްޖު ކޯޕަރޭޝަނަށް ނަގާނެ ކަމަށެވެ.
އަދި ބާކީ 50 އިންސައްތަ ކޯޓާ ބަހާނީ ހައްޖަށް މީހުން ގެންދާ އެކި އަމިއްލަ ކުންފުނިތަކަށް ކަމަށެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިފަހަރު ދީފައި ވަނީ ފަސް ކުންފުންޏަކަށެވެ.