ދިވެހި ރައްޔިތުން ބޭނުންވާ އިންސާފް ލިބޭނީ ހަމައެކަނި ސްޕްރީމް ކޯޓް އިސްލާހުކޮށްގެން ނޫންކަމަށާއި, މުޅި ޝާރުއީ ނިޒާމު އިސްލާހުކޮށްގެންކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އިންސާފު ކަށަވަރުކޮށްދިނުމުގެ ވައުދަކީ އެމަނިކުފާނުގެ ވައުދުތަކުގެ ތެރެއިން ވަރަށް މުހިންމު އެއް ވައުދުކަމަށެވެ. އަދި ފަނޑިޔާރުގެ އިސްލާހްކުރާއިރު، ހަމައެކަނި ސުޕްރީމް ކޯޓަށް ފޯކަސް ބެހެއްޓުމުގެ ބަދަލުގައި މުޅި ސިސްޓަމް އެކުގައި ބަދަލުކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިންސާފުން ބޭރުން ހުކުމްތައް ކުރައްވާ ބައެއް ފަނޑިޔާރުން ތިބިނަމަވެސް، އިންސާފަށް ލޯބިކުރާ، ރަނގަޅު ފަނޑިޔާރުންވެސް އެބަތިބިކަމަށް ރައީސް ވިދާޅުވި އެވެ. އަދި ފަނޑިޔާރުގެ އިސްލާހްކުރާއިރު، އެކަންކަމަށްވެސް ބަލާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ޤާނޫނު އަސާސީން ދިން ބާރުތައް އެ ކޮމިޝަނަށް އަލުން ހޯދައިދިނުމަށް މަސައްކަތްތައް ކުރައްވަމުންގެންދަވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މަޖިލީހަށް މިހާރުވެސް ބައެއް އިސްލާހްތައް ހުށަހަޅުއްވާފައިވާކަމަށެވެ. އެގޮތުން ސްޕްރީމް ކޯޓްގެ ބެންޗް 5 އިން 7 އަށް ބަދަލުކުރަންވެސް ވަނީ ހުށައަޅަފައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިންސާފު ހޯދައިދިނުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ދައުލަތުން ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ބޮޑެތި އަދަދުތަކެއް ދައްކަންޖެހިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި 882 މިލިއަން ރުފިޔާ ސަރުކާރުން ދައްކަންޖެހިފައިވާކަމަށެވެ. އަދި އާބިޓްރޭޝަނުން ނިންމައިގެން 17.89 މިލިއަން ޑޮލަރު ބޭރުފަރާތަކަށް ދޭންޖެހިފައިވާއިރު، ކޯޓްތަކުގައި 216 މިލިއަން ރުފިޔާގެ މައްސަލަ އެބަހިނގާ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެއިތުރުން އާރބިޓްރޭޝަންގައި ނުނިމިވާ 350 މިލިއަން ޑޮލަރުގެ މައްސަލަ އެބަހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއިން ގިނަ މައްސަލަ ތަކުގައި ލޯޔަރުން ލަފާދެނީ މިފައިސާ އަކީ ސަރުކާރަށް ގެއްލޭނެ އެއްޗެހިކަންކަމުގައިކަމަށެވެ. އަދި ކުންފުނިތަކަށް ބަދަލުދޭއިރު، އެ އެއްބަސްވުންތައް ގަވައިދާއި ހިލާފަށް ބާތިލްކޮށް ދައުލަތަށް އެވަރުގެ ބޮޑު ގެއްލުމެއްދިން ފަރާތްތަކާއިމެދު ފިޔަވަޅު އަޅޭނެކަމަށް ރައީސް ވިދާޅުވި އެވެ.