އެ މަނިކުފާނުގެ ވެރިކަމުގައި މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނު ގޮތަށް، އެފަދަ އަމުރުތަކެއް ކޯޓުތަކުން މި ސަރުކާރާ ދެކޮޅަށް ވެސް ނެރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.
ޕީޕީއެމް އާއި ޕީއެންސީން އިންތިޒާމުކޮށްގެން ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެއްވުމުގައި، ހިޔާނާތާއި ފަސާދައިގެ ތުހްމަތުތައް ކުރެވިފައިވާ އަދި އެ މަނިކުފާނުގެ ވެރިކަމުގައި ކޯޓްތަކަށް އިންތިހާއަށް ނުފޫޒު ފޯރުވި ކަމަށް ތުހްމަތު ކުރެވިފައިވާ ކުރީގެ ރައީސް ޔާމީން ވާހަކަފުޅުދައްކަވަމުން ފެބްރުއަރީ މަހުގެ 1 ގައި ނެރުނު އަމުރަށް އިޝާރާތް ކުރައްވާ ވިދާޅުވީ ފެބްރުއަރީ 1 ވަނަ ދުވަހުގެ އަމުރަކީ ހިފި ހަނދުކޭތައެއް ކަމަށެވެ. އަދި ދިވެހިންނަށް ދިވެހިން ބޭނުންވާ ދިވެހިރާއްޖެ ހޯދައިދޭން އަނެއްކާވެސް އެފަދަ އަމުރުތަކެއް ނެރެންޖެހޭ ކަމަށް އެ މަނިކުފާނު އިޝާރާތް ކުރެއްވެވި އެވެ.
މިހާރު އަނެއްކާ ވެސް ހަނދުކޭތަތައް ހިފަން ވެއްޖެ. މިހާރު އަނެއްކާ ވެސް ހަނދުކޭތަތައް ހިފައިގެން އިހު އޮތް ގޮތަށް ދިވެހިންނަށް އަހަރެމެން ބޭނުންވާ ދިވެހިރާއްޖެ އެބަ ހޯދަން ޖެހޭ.އަބްދުﷲ ޔާމީން އަބްދުއްޤައްޔޫމް / ކުރީގެ ރައީސް
ފެބްރުއަރީ 1 ގެ އަމުރަކީ ހިބަރުވަދެއް ކަމަށް ކުރިން ސިފަކޮށްފައިވާއިރު، އެކަމަށް އިޝާރަތް ކުރައްވައި ވެސް ޔާމީން ވާހަކަ ދެއްކެވި އެވެ. އެ މަނިކުފާނު ވިދާޅުވީ ހިބަރު ވަދު ދޫކޮށްގެން ކަންތައްވެގެން ދިޔަ ގޮތް އޭގެ "މުސައްނިފު" ވިދާޅުވާ އަޑު އިވިފައިވާ ކަމަށެވެ.
އެ މަނިކުފާނު އިޝާރާތް އެ ކުރެއްވީ ލީކްވެފައިވާ އޯޑިއޯއެއްގައި ފެބްރުއަރީ 1 ގެ އަމުރާ ގުޅޭ ގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކަމަށް ތުހްމަތުކުރާ މީހަކު ދައްކަވާފައިވާ ވާހަކަ އަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޝަރުއީ ނިޒާމުގެ އިތުރުން މިނިވަން މުއައްސަސާތަކަށް އިންތިހާ އަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހްމަތުކުރާއިރު، ބުރާސްފަތި ދުވަހުގެ ރޭގެ އެއްވުމުގައި އެއް އަތް ފުރަގަހަށް ލައްވައިގެން ހުންނަވައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މުއައްސަސާތަކަށް ހަރާބުވެގެން ދިޔައީ ފެބްރުއަރީ 1 ގެ އަމުރަށް ފަހު ކަމަށެވެ. އަދި އެ މަނިކުފާނަށް ރިޔާސީ އިންތިޚާބު ވެސް ގެއްލިގެން ދިޔައީ އެ އަމުރުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.
ހިބަރު ވަދު ދޫކޮށްގެން ކަންތައް ވެގެން ދިޔަ ގޮތް އަޅުގަނޑުމެންނަށް އަޑު އިވިއްޖެ. އޭގެ މުސައްނިފާއި ހަމައިން އެކަން ކުރި މީހުންނާއި ހަމައިން ހިނގައްޖެ. އެހިސާބުން ފެށިގެން އަޅުގަނޑުމެންގެ މުއައްސަސާތައް އެދިޔައީ ކަންފަތިވެގެން. އަޅުގަނޑުމެންގެ މުއައްސަސާތައް ދިޔައީ ހަރާބުވަމުން. އަޅުގަނޑުމެންގެ މުއައްސަސާތަކުގެ ބާރު ދިޔައީ ނެތިގެން. އެހިސާބުން އަޅުގަނޑުމެންނަށް މިކަން ފެށިގެން މިއައީ.އަބްދުﷲ ޔާމީން އަބްދުއްޤައްޔޫމް / ކުރީގެ ރައީސް
ރިޔާސީ އިންތިޚާބަށް ކިހިނެތްތޯ ވީ. މިދެންނެވި ގޮތަށް ހަނދުކޭތަ ހިފައިގެން ހަނދުކޭތަ ނުފިލައި ދިޔައީ ރިޔާސީ އިންތިޚާބު ނިމުނު އިރު ވެސް. ހުރިހާ މުއައްސަސާ ވެސް ކަތުރުފަނިއަޅާ ހުސްވީ. ގައިމު އިންތިޚާބު ނިމިގެން ދިޔައިރު އެތައް ބަޔަކު މައްސަލަތައް ހުށައަޅަމުން ދިޔަ އަޅުގަނޑުމެންގެ ފަރާތުން މައްސަލަތައް ހުށައަޅަމުން ދިޔަ. އަދި ސުޕްރީމް ކޯޓުން ނެރުނު އަމުރުން އަޅުގަނޑުމެންނަށް ބާރު ލިބިގެންދިޔަ ތަހުގީގު ކުރަން. ފުލުހުންގެ މުއައްސަސާއެއީ އެންމެ އިސް މުއައްސަސާ މިކަހަލަ މައްސަލަތައް ތަހުގީގު ކުރަން އޮންނަ، ތަހުގީގު ފެށިތަނާ ދެން ކިހިނެތްތޯ ވީ. ހުރިހާ ކަރުދާސްތައް ނައްތާލީ ނޫންތޯ.އަބްދުﷲ ޔާމީން އަބްދުއްޤައްޔޫމް / ކުރީގެ ރައީސް
ރިޔާސީ އިންތިޚާބުން ބަލިވުމުން އިންތިޚާބު ބާތިލުކުރުމަށް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން ނިންމީ އިންތިޚާބު ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ޔާމީންގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 134،705 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.