އެމެރިކާގެ މަޝްހޫރު ހޮޓަލެއް ކަމަށްވާ ''ރެޑިސަން ހޮޓަލްސް'' އާ އެކު އެސްޓީއޯ އިން ވެފައިވާ އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ'' ރެޑިސަން ބްލޫ ހޮޓެލް'' އެއްބަސްވުން އުވާލުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމުގެ އިޝަރާތެއް އެސްޓީއޯ އިން ދީފިއެވެ.
އެ ހޮޓަލަކީ 2007 ވަނަ އަހަރު އެސްޓީއޯ އިން ބިޑްކޮށްގެން ނެގި ހޮޓަލެކެވެ. ހޮޓެލް އިމާރާތް ކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިސަސް ކޮމިޓީގައި އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވީ، ހޮޓާ ވިއްކާލަން ނިންމުމުން ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިންތައް ހިމެނޭ ގޮތަށް 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށެވެ. އެ ފަރާތްތަކާއި އެކު މަޝްވަރާ ކުރިއިރު އެންމެ ބޮޑު ގޮން ޖެހުމަކަށް ދިމާވީ ރެޑިސަން ހޮޓަލާ އެކު ވެފައިވާ އެއްބަސްވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އެއްބަސްވުމުގައި ބުނާ ގޮތުން ހޮޓަލުގެ ކޮންސްޓަރްކަޝަން މަސައްކަތް ކުރިއަށް ދާއިރު އެ ކުންފުނިން ދޭ ކޮންސަލްޓެންސީ އަށް އެސްޓީއޯ އިން ހަރަދު ކުރަން ޖެހެ އެވެ. ހޮޓާ ނިންމުމަށް ފަހު ހޮޓާ ހިންގާނީ ރެޑިސަނުންނެވެ. އެގްރީމެންޓްގައި ބުނާ ގޮތުން އެސްޓީއޯ އަށް އެއްވެސް އެއްޗެއް ލިބޭނީ ހޮޓާ ހިންގައިގެން ފައިދާ ލިބޭނަމަ އެވެ.
އެއްވެސް ބަޔަކު ބޭނުން ނުވޭ އެގޮތަށް އޮތް އެގްރީމެންޓާ އެކު ކުރިއަށް ދާން. އެހެންވީމާ އަސްލުގައި ހޮޓާ ވިއްކާލުމުގެ ޕްރޮސެސް ކުރިޔަކަށް ނުގެންދެވުނު. ދެން އެހެންވީމާ އަޅުގަނޑުމެން މިހާރު އެޑްރެސް ކުރަން ބޭނުންވީ ރެޑިސަން ކޮންޓްރެކްޓް މައްސަލަ އަށް . ކުރިޔަށް އޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގައި އަލުން އަޅުގަނޑުމެން ހޮޓާ ވިއްކާން އިއުލާން ކޮށްލާނަންއެސްޓީއޯގެ އެމްޑީ ~ ހުސައިން އަމްރު~
އަމްރު ވިދާޅުވީ، އެ މައްސަލާގައި ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓުގެ މަތީ ފަންތީގެ ވަކީލަކު ހޯދާފައިވާ ކަމަށެވެ. އެ އެއްބަސްވުން އުވާލުމަށް ދޭހަވާ ގޮތަކަށް އަމްރު ވާހަކަ ދެއްކެވެމުން އެކަމާއި މެދު އެންމެ ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ( ބޮންޑޭ) އެވެ.
އޭނާގެ ކަންބޮޑުވުންތައް ރާއްޖެ.އެމްވީ އަށް ހިއްސާ ކުރައްވަމުން ބޮންޑޭ ވިދާޅުވީ، ދުނިޔޭގެ އެހާ ވަރަގަދަ ހޮޓަލެއްގެ އެގްރީމެންޓް ބާތިލް ކޮށްފިނަމަ ދައުލަތުން ބޮޑު އަދަދެއްގެ ޖޫރިމަނާ އެއް ދައްކަން ޖެހުމުގެ ބިރު އެބައޮތް ކަމަށެވެ.