ކޮރަޕްޝަންގެ މައްސަލަތައް ބަަލަމުންދާ ކަމަށް އެންޓިކަރަޕްޝަން ކަމިޝަން (އޭސީސީ)އިން އެނގުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ މަހުމޫދު ޝަފީގު(މަހާ) ސަސްޕެންޑް ކުރަން ނިންމައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މަހާ އެމަގާމަށް އައްޔަން ކުރެއްވީ އޭނާގެ މައްސަލަ ނެތް ކަމަށް ހުރިހާ ތަނަކުން " ކްލިއަރެންސް" ލިބިލެއްވުމުން ކަމަށެވެ. ނަމަވެސް މަހާގެ މައްސަލަ ބަލަމުންދާ ކަމަށް ބުރާސްފަތި ދުވަހު އޭސީސީއިން އެމަނިކުފާނަށް ސިޓީ ފޮނުއްވާފައިވާ ކަމަށާއި އެހެން ކަމުން ތަހުގީގު ނިމެންދެން ސަސްޕެންޑް ކުރަން ނިންމަވާނެ ކަމަށެވެ.
އަޅުގަނޑުމެންނަށް އެބޭފުޅާ އެމަގާމަށް އައްޔަން ކުރި އިރު ހުރިހާ ތަނަކުން ކްލިއަރެންސް ލިބިފައި ވަނީ. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންނަށް އޭސީސީއިން އެބައޮތް ސިޓީއެއް ފޮނުވާފައި އޭނާގެ މައްސަލަ ތަކެއް ތަހުގީގު ކުރަމުން ދާ ވާހަކަ. އެހެންވީމަ މިކަމުގައި އަޅުގަނޑުމެން ކުރިން ވެސް އަމަލު ކުރި ގޮތަށް ނިމެންދެން ސަސްޕެންޑް ކުރަން ނިންމާނަން.
އޭސީސީއިން މިދިޔަ މަހުގެ 23 ގައި ރިކޯޑް ސާފުކޮށްދޭ ފޯމްގައި ބުނެފައިވަނީ މަހާގެ އެއްވެސް ކަރަޕްޝަން މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް މަހާގެ މައްސަލަ އަލުން ބެލުމަށް އޭސީސީއިން ވަނީ ނިންމާފައެވެ.
އެނގިފައިވާ ގޮތުގައި މަހާގެ މައްޗަށް ކުރަނީ ސައުދީ އަރަބިއްޔާ އިން ދިވެހި ސަރުކާރަށް ހަދިޔާކުރި ވަޒަން ނާރާ ވައްތަރުގެ އަގު ބޮޑު ކާރެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަސްމީގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ މުހައްމަދުގެ ނަމުގައި ރަޖިސްޓްރީކުރި މައްސަލައިގެ ތުހުމަތުގައެވެ. ސައުދީން ހަދިޔާކުރި އަގުބޮޑު ކާރު ސިފައިންގެ ބެލުމުގެ ދަށުގައި އޮއްވައި، އެ ކާރު ކަސްޓަމްސްއިން ނެރުނު ކަމަށް ހެދުމަށްޓަކައި އަމިއްލަ ކުންފުންޏަކުން ހުށަހެޅުމަށް ފަހު، އެ މުއާމަލާތް ބާތިލުކޮށް މުސްތަފާގެ ނަމުގައި ކަސްޓަމްސްގެ ލިޔުންތައް ތައްޔާރުކޮށް، އެ ވެހިކަލް ރަޖިސްޓްރީކުރިއެވެ. އެކަމުގައި މަހާގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތުތައް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ.