ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންގެ ބައްދަލުވުމެއް މިމަހުގެ ތެރޭގައި ބާއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިމަހުގެ 7 ވަނަ ދުވަހު ކޯލިޝަންގެ އިސްވެރިންނާއި އެކު ބައްދަލުކުރެއްވުމަށް ނިންމެވި ކަމަށާއި ނަމަވެސް އޭގެން އެއް ލީޑަރަކު ރާއްޖޭގައި ނޫޅުއްވާތީ ބައްދަލު ކުރެއްވުން ލަސްކުރެއްވީ ކަމަށެވެ. އެހެންކަމުން މިމަހުގެ 10 ވަނަ ދުވަހުގެ ފަހުން ލީޑަރުންނާއި ބައްދަލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑު އިރާދަކުރެއްވިއްޔާ ހުރިހާ ލީޑަރުން މާލޭގައި ތިއްބަވާ ދުވަހަކު މީޓިން ބާއްވާނަން. އަޅުގަނޑު ކުރިން ނިންމާފައި އޮތީ ޖުލައި 7 ގައި އެބާއްވަން ކަމަށް. ނަމަވެސް އަޅުގަނޑުމެންގެ އެއް ލީޑަރަކު މިވަގުތަކު ނެތް ރާއްޖެއަކު. އެހެންވީމަ ޖުލައި 10 ގެ ފަހުގެ ތާރީޚެއްގައި އަޅުގަނޑުމެންގެ ލީޑަރުންގެ ބައްދަލުވުމަކަށް އަޅުގަނޑު ގޮވާލާނަން.ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ކޯލިޝަން އަދިވެސް އެބައޮތް ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ވެރިކަމަށް އައީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އެކަމަކު މިދިޔަ މަޖިލިސް އިންތިޚާބުގައި ކޯލިޝަންގެ ބައްދަލުވުމެއް ނުބޭއްވީ އެ ބައްދަލުވުމަކުން ކުރާނެ މާބޮޑު ފައިދާއެއް ނެތުމުން ކަމަށް ވިދާޅުވިއެވެ. އަދި މަޖިލިސް އިންތިޚާބަށް ދިޔައިރު ހަތަރު ލީޑަރުން އިންތިޚާބުގައި މަސައްކަތް ކުރައްވާނީ އެކުއެކީގައިކަން އޭރު އެއްބަސް ނުވެވުމުން އެއްތަނެއްގައި ތިބެގެން ނިންމޭނެ ނިންމުމެއް ނިންމޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކޯލިޝަން ބައްދަލުވުން ބޭއްވުމުން އެއީ އޭރު ކުރާނެ މާބޮޑު ފައިދާއެއް ކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވިއެވެ.
މިދިޔަ އިންތިޚާބު ތެރޭގައި ކޯލިޝަންގެ ބައްދަލުވުމެއް އަޅުގަނޑު ނުބޭއްވީ އަޅުގަނޑަށް އޭގެއިން ކުރާނެ ފައިދާއެއް ނުފެންނާތީ. އެބައްދަލުވެގެން ކޯލިޝަނާއި އެކީގައި އޮންނަ ކުރެވޭނެ އިތުރު ފައިދާއެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމަ އޭރު ބައްދަލު ކުރެއްވުމަށް ވުރެ ނުކުރުން އެއީ ކޯލިޝަނަށް އޮތް އެންމެ ފައިދާ ހުރި ކަމެއް ކަމަށް އަޅުގަނޑަށް ފެންނާތީ އަޅުގަނޑު އެގޮތަށް ނިންމީ. އެނގިވަޑައިގަންނަވާނެ މަޖިލިސް އިންތިޚާބަށް ދިޔައިރު އަޅުގަނޑުމެންނަށް އެއްބަހެއް ނުވެވުނު މަޖިލީހުގައި ދާނީ އެކީީގައި ކަމެއް. އެހެންކަމަށް ވަންޏާ އެގަޑީގައި ހަތަރު ލީޑަރުންނާއި އަޅުގަނޑާއި އެކީގައި އިށީދެގެން ކުރެވޭނެ މަޝްވަރާއެއް އެއްތަނެއްގައި ތިބެގެން ނިންމޭނެ ނިންމުމެއް އޮތް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ.ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ސަރުކާރު ކޯލިޝަންގައި ހިމެނެނީ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ( އެމްޑީޕީ)އާއި ޖުމްހޫރީ ޕާޓީ(ޖޭޕީ) އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިސްބަތްވެވަޑައިގަންނަވާ މައުމޫން ރިފޯމް މޫވްމަންޓެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ހަތަރު ފަރާތް ވާދަކޮށްފައި ވަނީ ވަކިވަކިންނެވެ.
ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް އެންމެފަހުން ބާއްވައިފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައެވެ.