Advertisement
ކ. މާލެ
|
4 ޖުލައި 2019 | ބުރާސްފަތި 13:03
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ
ޝުއައިބް މުހައްމަދު އިގްބާލް
ބްރޮޑްކާސްޓިން ކޮމިޝަން
ބްރޯޑްކޮމްގެ މެމްބަރުން ވަކިވަކިން ހާޒިރުކޮށް ތަހްގީގެއް ފަށައިފި
ވަކި ވަކިން ބާއްވާ ފުރަތަމަ ބައްދަލުވުމަށް ހާޒިރުކޮށްފައިވަނީ ޝަހީބު
މީޑިޔާތަކާއި ދޭތެރޭ ކޮމިޝަނުން ޒާތީވެގެން އަމަލުކޮށްފައިވާ ކަމަށް ކޮމިޝަނުން ވަނީ އެއްބަސްވެފައި

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީއަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުން ވަކިވަކިން ހާޒިރުކޮށް ތަހްގީގެއް ފަށައިފިއެވެ.

ބްރޯޑްކޮމްގެ މެމްބަރުން ވަކި ވަކިން ކޮމިޓީން ހާޒިރުކޮށް ހިންގަމުން އަންނަ ތަހްގީގް ވަނީ މީޑިޔާތަކަށް ސިއްރުކޮށްފައެވެ. ކޮމިޓީގެ މެމްބަރުން ވަކި ވަކިން ހާޒިރުކޮށް ކުރިއަށް ގެންދާ ތަހްގީގް މީޑިޔާތަކަށް ސިއްރުކޮށްގެން، ކުރިއަށް ގެންދަނީ މައްސަލަ ބަލަން އެކުލަވާލި ސަބް ކޮމިޓީން، އެ ގޮތަށް ނިންމުމާއި ގުޅިގެންނެވެ.

ބްރޯޑްކޮމްގެ މެމްބަރުންނާއެކު ވަކިވަކިން ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން، ފުރަތަމަ ބައްދަލުވުން ބުރާސްފަތި ދުވަހު ހެނދުނު 10 ޖެހިއިރު ބާއްވާފައިވާއިރު، އެ ބައްދަލުވުމަށް ފުރަތަމަ ހާޒިރުކޮށްފައިވަނީ ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބްއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މީޑިޔާތަކާއި ދޭތެރޭ ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތާއި ގުޅޭ ގޮތުން، ބްރޯޑްކޮމްގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް މީގެ ކުރިން ވަނީ ސުވާލުކޮށްފައެވެ. އެ ބައްދަލުވުމުގައި ކޮމިޝަނުންގެ މެމްބަރުން މީޑިޔާތަކާއި ދޭތެރޭ ތަފާތު ކުރުންތައް ގެންގުޅެ، އޭރު އޮތް ސަރުކާރުގެ އިވެންޓްތަކުގައި ކޮމިޝަނުގެ މެމްބަރުން ބައިވެރިވެފައިވާތީ، ކޮމިޓީގެ މެމްބަރުން ވަނީ ސުވާލުކޮށްފައެވެ. މެމްބަރުން ސުވާލުކުރުމުން ކޮމިޓީގެ މެމްބަރުން ވަނީ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ތުހުމަތުގެ އިނގިލި ދިއްކޮށް، ކުރެވޭ ތުހުމަތުތަކުން ރެކިގަންނަން ވަނީ މަސައްކަތް ކުރައްވާފައެވެ.

Advertisement

ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަނުގެ މެމްބަރުން ވަނީ ރާއްޖެޓީވީ ބަންދުކުރަން މަސައްކަތް ކުރެވުނު ކަމަށާއި، އަދި ހަމަ އެ ސްޓޭޝަނާއި ދޭތެރޭ ޒާތީ ވެގެން އަމަލުކުރެވުނު ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

ކޮމިޓީން މިދިޔަ ހަފްތާ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި، ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން އެ ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފާސްކޮށްފައި ވަނިކޮށް، ސޮފްވާން ވަނީ ޖެހިގެން އައި ދުވަހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

މީގެ އިތުރުން ކޮމިޝަނުގެ މެމްބަރު ހަސަން ނަބާހުވެސް ވަނީ އެ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައެވެ. ނަބާހު އިސްތިއުފާދެއްވާފައިވަނީ 30 ޖޫންގައެވެ.

ބްރޯޑްކޮމްގެ މެމްބަރުންނާ ގުޅޭ ތަހުގީގު ކުރާ ސަބް ކޮމިޓީ:

  1. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
  2. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު
  3. ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް
  4. ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް