2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ގައުމީ ދާރުލް އާސާރުގައި ބަހައްޓާފައި ހުރި ތަކެއްޗަށް ގެއްލުންދިން މައްސަލަ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް މިނިސްޓްރީގެ ފަރާތުން ބާރު އަޅުއްވާނެ ކަމަށް އާޓްސް، ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ތޯރިގު ވިދާޅުވީ ދާރުލް އާސާރުގައި ހުރި ރާއްޖެ އިސްލާމްވުމުގެ ކުރީގެ ތަކެތި ހަލާކު ކުރި މީހުންނާއި ބެހޭގޮތުން ކުރެވިފައި ހުރި ތަހުގީގުތަކާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުއްވެވި ކަމަށެވެ. އަދި އެ ސިޓީގެ ޖަވާބާއި ގުޅިގެން ފުލުހުންގެ އިދާރާއަށް ސިޓީ ފޮނުވާފައި ވާނެކަމަށް ތޯރިގު ވިދާޅުވިއެވެ.
އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން ދުލެއް ނުކުރާނަން ކިރިޔާވެސް މި ކަމުގައި ހޭކިލާފައި ހުރި މީހަކު އަޅުގަނޑުމެންނަށް ގާނޫނުގެ ތެރެއިން ލިބެން ހުރި ހައްގެއް ހޯދާނަން. އަޅުގަނޑުމެން މިކަމުގައި މަސައްކަތް ކުރާނަން. އެ ސަބަބަކީ މިއީ އަޅުގަނޑާއި ޔުމްނާއާއި ނުވަތަ މިނިސްޓްރީގައި މިވަގުތު ތިބިމީހުންގެ ހަމައެކަނި ހައްގެއް ނޫން މި ކަންތައްތައް ރައްކާތެރި ކުރުން އެއީ. މިއީ މުޅި ރައްޔިތުންގެ ހައްގެއް. މުޅި ރައްޔިތުންގެ ތަރިކަ މުދާ މިއީ. - ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު-
ފެބްރުއަރީ ހަތްވަނަ ދުވަހު މޫނު ނިވާކޮށްގެން ތިބި ބަޔަކު ގައުމީ ދާރުލް އާސާރަށް ވަދެ އެއާސާރުގެ ޝޯކޭސްތަކާއި ރާއްޖެ އިސްލާމްވުމުގެ ކުރީގެ ބައެއް ބުދުތައް ތަޅައި ފުނޑުފުނޑު ކޮށްފައި ވެއެވެ. އެމައްސަލައިގައި ތުހުމަތު ކުރެވޭ 10 މައްސަލައެއްގެ ތަހުގީގު ނިންމާ ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެއަހަރުގެ މެއި މަހުގެ ތެރޭގައި ފޮނުވިއެވެ. ނަމަވެސް އެމައްސަލައިގައި އެއްވެސް ފަރާތަކަށް ދައުވާ ކޮށްފައެއް ނުވެއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހެދި ގައުމީ ދާރުލް އާސާރު ހުޅުވީ 2010 ވަނަ އަހަރުގެ ޖުލައި 26 ގައެވެ.