Advertisement
ކ. މާލެ
|
3 ޖުލައި 2019 | ބުދަ 22:22
ސިނަމާލޭ ބްރިޖު: އެ ސަރަހައްދުގެ ކަނޑަށް ދަގަނޑު ކުނި ގިނަ އަދަދަކަށް ފެނިފައިވޭ
ސިނަމާލޭ ބްރިޖު: އެ ސަރަހައްދުގެ ކަނޑަށް ދަގަނޑު ކުނި ގިނަ އަދަދަކަށް ފެނިފައިވޭ
ޝުއައިބް މުހައްމަދު އިގްބާލް
ސިނަމާލް ބްރިޖު
ސިނަމާލެ ބްރިޖުގެ އީއައިއޭއާ ހިލާފުވެގެން ޕްލޭނިންގ މިނިސްޓްރީ ޖޫރިމަނާކޮށްފި
ޕްލޭނިންގ މިނިސްޓްރީ ޖޫރިމަނާކުރީ 892500 ރުފިޔާއިން
ޖޫރިމަނާއަށްވާ ފައިސާ ދައްކަން ދީފައިވަނީ 30 ދުވަހުގެ މުހުލަތެއް
އެސަރަހައްދުގެ ކަނޑުގެ އަޑީގައި ވަރަށް ގިނަ އަދަދެއްގެ ދަގަނޑު ކުނި އުކާލެވިފައިވޭ

ސިނަމާލޭ ބްރިޖު ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ކުނި އަޅާފައި އޮތުމުން، އެތަނުގެ އީއައިއޭއާ ޙިލާފުވީ ކަމަށް ނިންމައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާކޮށްފިއެވެ.

Advertisement

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ވެބްސައިޓުގައި އެ އެޖެންސީގެ ފަރާތުން ޝާއިއުކޮށްފައިވާ ހަބަރެއްގައިވާ ގޮތުން، ޕްލޭނިންގ މިނިސްޓްރީ ޖޫރިމަނާ ކޮށްފައިވަނީ 892,500 (އަށްލައްކަ ނުވަދިހަ ދެހާސް ފަސްސަތޭކަ) ރުފިޔާއިންނެވެ. އެ މިނިސްޓްރީއަށް ޖޫރިމަނާއަށް ވާ ފައިސާ ދައްކަން އީޕީއޭއިން ދީފައިވަނީ 30 ދުވަހުގެ މުހުލަތެކެވެ.

އީޕީއޭއިން ބުނީ ސިނަމާލެ ބުރިޖު ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާކަމުގެ ހެކި އެ އެޖެންސީއަށް ލިބުމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) މެދުވެރިކޮށް ކުރެވުނު އިންސްޕެކްޝަންއިން، އެސަރަހައްދުގެ ކަނޑުގެ އަޑީގައި ވަރަށް ގިނަ އަދަދެއްގެ ދަގަނޑު ކުނި އުކާލެވިފައިވާކަން އެނގިފައިވާ ކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީ ޖޫރިމަނާ ކުރަން ޖެހުނީ އީޕީއޭއިން ދީފައިވާ އީއައިއޭ ޑިސިޝަން ސްޓޭޓްމަންޓުގައިވާ ގޮތާއި ޙިލާފަށް އެއްވެސް ކަމެއް ހިނގައިފިނަމަ، ރިޕޯޓްކުރުމަކީ އެ މިނިސްޓްރީގެ ޒިންމާއަކަށް ވުމުންނެވެ. އަދި އެ މައްސަލައާއި ގުޅިގެން އީޕީއޭއިން ކޮށްފައިވާ މުއާމަލާތްތަކަށް ވެސް މިނިސްޓްރީން ޖަވާބުދާރީވެފައި ނުވާކަމަށް ވެސް އީޕީއޭއިން ބުނެފައިވެއެވެ.

ޕްލޭނިންގ މިނިސްޓްރީ ޖޫރިމަނާކޮށްފައިވަނީ "ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު" ގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ހިންގި ބުރިޖު މަޝްރޫއުގެ ހުރިހާ މުއާމަލާތެއް ހިންގާފައިވަނީ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުންނެވެ. ރައީސް ސޯލިހުގެ ސަރުކާރު އައުމާއެކު އެ މިނިސްޓްރީގެ ޒިންމާތައް ވަނީ ދެ މިނިސްޓްރީއަކަށް ބަހާލާފައެވެ. އެގޮތުން ހައުސިންގގެ ޒިންމާތައް މިނިސްޓްރީ އޮފް ހައުސިންގގެ ދަށަށް ބަދަލުކުރެވިގެން ދިޔަ އިރު އިންފްރާސްޓްރަކްޗަރގެ ޒިންމާތަކާ ހަވާލުވީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ.

ބްރިޖުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ޗައިނާ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިންނެވެ. ބްރިޖުގެ މަސައްކަތް ނިންމައި އާންމުންނަށް ބްރިޖް ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭރުވެސް އެ ސަރަހައްދުގެ ކަނޑުގައި ގިނަ އަދަދެއްގެ ދަގަނޑު ހޮޅި ހުރެގެން އެ ސަރަހައްދު ބޭނުންކުރާ ރާޅާއެޅުންތެރިން ވެސް ޝަކުވާކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް