ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭކަށް ބޭނުންވާ ޔުޓިލިޓީ (ފެނާއި ނަރުދަމާ) އެޅުމަށް، ހުޅުމާލޭ ބީޗް ސަރަހައްދު ހުސްކުރަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސް ނިމޭހާ ތާނގައި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖޭ ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އެ ސަރަހައްދުގައި ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދުގައި ހުރި ތަކެތި ނަގަން އެ ތަންތަން ހިންގާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އިތުރަށް އެޗްޑީސީން ބުނީ ކުރިން ވެސް ރާވާފައިވާ ގޮތަށް އެ ސަރަހައްދު ތަރައްގީ ކުރަން ނިންމާފައިވަނީ އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހިތްފަސޭހާ ކޮށްލެވޭނެ އިންތިޒާމުތަކާ އެކުގައި ކަމަށެވެ.
މީގެކުރިން ވެސް ތަފާތު އެތައް ފަހަރެއްގެ މަތިން އެޗްޑީސީން ބީޗް ސަރަހައްދު ހުސްކުރަން އެންގި ކަމުގައިވީ ނަމަވެސް، ބީޗް ސަރަހައްދު ބޭނުންކުރާ ބައެއް ފަރާތްތަކުން ވަނީ އެކި ސަބަބުތަކާއި ހުރެ އެ ސަރަހައްދު ހުސްކުރަން ދެކޮޅު ހަދާފައެވެ.