ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލާފައިވާ މައްސަލާގައި ފުލުހުން އިހުމާލުވެފައިވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ އަށް އެ އިދާރާގެ އޮފިޝަލުން ހާޒިރު ކުރަން ނިންމައިފިއެވެ.
ބުދަ ދުވަހު ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ގިނަ މެމްބަރުންތަކެއް ވަނީ ރިލްވާން އަށް ވީނުވީ ގޮތެއް ނޭނގި ގިނަ ދުވަސްވެފައިވާތީ އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު ހުށައެޅުއްވީ އެ މައްސަލާގައި ފުލުހުން ހާޒިރުކޮށް ސުވާލު ކުރުމަށެވެ. ކޮމިޓީ އަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމީ އެ މައްސަލާގައި ފުލުހުންގެ އިހުމާލެއް ވެފައިވޭތޯ ބަލަން އެ އިދާރާގެ ބޭފުޅުން ހާޒިރު ކުރުމަށެވެ.
ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ފުލުހުން ހާޒިރުކުރާނީ ދެން އެންމެ އަވަހަށް އޮންނަ އެ ކޮމިޓީގެ ޖަލްސާއަކަށް ކަމަށެވެ.
އަދި ރިލްވާން ގެއްލުވާލި މައްސަލައިގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުންނާ، އެޗްއާރްސީއެމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުން ވެސް ފުލުހުންގެ އިހުމާލު އޮތްމިންވަރު ބެލުމަށް ފެންނަ ކަމަށް މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މައްސަލަ ނިންމައި ކޮމިޓީގެ ރިޕޯޓް 30 ދުވަސް ތެރޭ އެކުލަވައިލަން ޖެހޭ ގޮތަށް ވަނީ ފާސްކޮށްފައެވެ.