ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓެއްގެ ދަރަޖަ ދިވެހި ޕާސްޕޯޓަށް ލިބިއްޖެއެވެ.
ޕާސްޕޯޓް ބޭނުންކޮށްގެން ވިސާ ނެތި ނުވަތަ ފަސޭހަކަމާއިއެކު ވަދެވޭ ޤައުމުތަކުގެ ނިސްބަތަށް ބަލައިގެން، ހެންލީ އެންޑް ޕާޓްނަރސްއިން ނެރޭ ހެންލީ ޕާސްޕޯޓް ރޭންކިންގައި ރާއްޖެ މިފަހަރު ރޭންކް ކުރެވިފައިވަނީ 62 ވަނައިގައެވެ. ދިވެހި ޕާސްޕޯޓާއިއެކު 84 ގައުމަކަށް ވިސާ ނުލައި ދެވެއެވެ. ނުވަތަ އޮން އެރައިވަލް ވިސާ ލިބެއެވެ.
ރާއްޖެއާއި އެންމެ ކައިރިން މިސަރަހައްދުން ރޭންކް ކުރެވުނީ އިންޑިއާއެވެ. އިންޑިއާ 86 ވަނައިގައި ރޭންކް ކުރެވިފައިވާއިރު އެގައުމުގެ ޕާސްޕޯޓާއި އެކު ކުރިން ވިސާ ނެގުމަކާއި ނުލައި ދެވެނީ 58 ގައުމަކަށެވެ.
މި ސަރަހައްދުން އަދި ދުނިޔޭގެ ރޭންކިންގެވެސް އެންމެ ފުލުގައި ރޭންކް ކުރެވުނީ 109 ވަނައިގައި އަފްޣާނިސްތާނެވެ. އަފްޣާނިސްތާން ޕާސްޕޯޓާއިއެކު ކުރިން ވިސާ ނެގުމަކާ ނުލައި ދެވެނީ އެންމެ 25 ޤައުމަށެވެ.
މިފަހަރުގެ ޕާސްޕޯޓް އިންޑެކްސްގައި އެންމެ ކުރި ހޯދީ ޖަޕާނާއި ސިންގަޕޫރުންނެވެ. އެ ދެގައުމުގެ ޕާސްޕޯޓާއި އެކު ކުރިން ވިސާ ނެގުމަކާ ނުލައި 189 ގައުމަށް ދަތުރުކުރެވެއެވެ.
އައު ސަރުކާރުން އައި ފަހުން ދިވެހި ޕާސްޕޯޓްގެ ބާރު ގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އާއްމު ގޮތެއްގައި މަދު ގައުމުތަކަކަށް އޮން އެރައިވަލް ވިސާދޭ ޤައުމުތައް ކަމަށް ޔޫއޭއީ އަދި ރަޝިޔާއަށް ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް މިހާރު އޮންއެރައިވަލް ވިސާ ލިބޭނެ އިންތިޒާމް އެގައުމުތަކަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ދަތުރުފުޅުތަކުގައި ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ދިވެހިންނަށް ތައިލެންޑަށް ވެސް ވިސާއާއި ނުލައި އެތެރެ ވެވޭ ގޮތަށް މި ސަރުކާރުން ބަދަލު ކޮށްފައިވާއިރު، ދިވެހިން އާއްމުކޮށް ދިރިއުޅޭ އިންޑިއާ، ލަންކާ އަދި މެލޭޝިއާއިން ދިވެހިންނަށް ވިސާގެ ބޮޑެތި ލުއިތަކެއް ލިބެމުންދިޔުމުން އެޤައުމުތަކުގައި ވެސް ދިވެހި ޕާސްޕޯޓްގެ ބާރު ވަނީ ގަދަވެފައެވެ. މި ލުއިތަކަކީ ފާއިތުވި 7 މަސް ދުވަހުގެ މަސައްކަތުގެ ނަތީޖާއެވެ.
ވީހާވެސް ގިނަ ގައުމުތަކަކަށް ދިވެހިންނަށް ފަސޭހަކަމާއިއެކު އެތެރެވެވި، ދިވެހި ޕާސްޕޯޓްގެ ބާރު ގަދަކުރުމަށް އިތުރު މަސައްކަތްތައް ކުރަމުންދާ ކަމަށް މީގެ ކުރިން ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.