ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ގައުމީ ތަރައްގީގެ ޕްލޭން އާއްމު ކުރެވޭނެ ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިނިސްޓަރާއި ސުވާލު ކުރެއްވުމަށް ހުށަހެޅުމާއި ގުޅިގެން މިނިސްޓަރ ވަނީ މަޖިލީހަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.
ގައުމީ ތަރައްގީގެ ޕްލޭން އާއްމުކުރައްވާނީ ކޮންއިރަކުތޯ ތިމަރަފުށީ ދާއިރާގެ މެމްބަރަ އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ގައުމީ ތަރައްގީ ޕްލޭން ތައްޔާރު ކުރަމުން އައިސް "ފަސްޓް ޑްރާފްޓެއް" މިހާރު އެބައޮތް ކަމަށާއި، އެކަން ކުރުމުގައި ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މި ވަގުތު ކުރަމުން އަންނަ މަސައްކަތަކީ ގައުމީ ތަރައްގީގެ ޕްލޭންގެ ތެރޭގައި ހިމެނޭ "ސްޕެޝަލް ޕްލޭން" (ޚާއްސަ ޕްލޭން) އަށް ކެބިނެޓް ތެރޭގައި މަޝްވަރާ ކުރެވެމުންދާ ކަމަށާއި، އެކަމަށް ކެބިނެޓް އެލައިން ކުރެވުމުގެ މަސައްކަތް ކަމަށެވެ.
" އަޅުގަނޑު އުއްމީދު ކުރަނީ މަހެއް ދެ ދޮޅު މަހެއްހާ ދުވަސްތެރޭގައި ގައުމީ ތަރައްގީގެ ޕްލޭން އަޅުގަނޑުމެންނަށް އާއްމުކުރެވޭނެ ކަމަށް. އަދި އާއްމު ކުރެވޭއިރު ދަންނަވާލަން ބޭނުންވޭ ގައުމީ ތަރައްގީގެ ޕްލޭންއަކީ ބާއްވާލައްވާނެ އެއްޗެއް ނޫން. ބަދަލުގެނެވޭނެ އެއްޗެއް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް އެއަށް ގޮތް ކިޔުއްވޭނެ. ރައްޔިތުންނަށް ވެސް ގޮތް ކިޔުއްވޭނެ. އަޅުގަނޑުމެން ދައްކާނަން ސަރުކާރުގެ ޕްލޭން" އަސްލަމް ވިދާޅުވިއެވެ.މުހައްމަދު އަސްލަމް ވިދާޅުވިއެވެ.
ގައުމީ ތަރައްގީގެ ޕްލޭނެއް ހެދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ 3 ޑިސެމްބަރ 2018 ގައެވެ.
ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވެފައިވަނީ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލަމުން އަންނައިރު، ކޮންމެ ރަށަކަށް އެންމެ ބޭނުންވާ ކަންކަން ބަލާނެ ކަމަށެވެ. އަދި މިމަސައްކަތް 6 މަސް ދުވަހުން ނިންމޭނެ ކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.