ފުވައްމުލަކުގެ މަގުތައް ނެހެދި ގިނަ ދުވަސްތަކެއް ވަމުންދިޔުމާއި ގުޅިގެން، އެ ރަށުގެ ޒުވާނުން "ހައްގު މިންވަރު ހޯދަން" ޝުއޫރުފާޅުކުރުމުގެ ގޮތުން ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
މި ޖުލައި މަހުގެ 8 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ހަރަކާތަކީ ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން މަގުތަކުގައި ހިނގާބިނގާވެ އުޅެން އުނދަގޫވެ ދުއްވާ އެއްޗިއްސަށް މަގުތައް ބޭނުންކުރުމުގައި އިންތިހާއަށް ދަތިތަކާއި ކުރިމަތިލާން ޖެހުމާއި ގުޅިގެން ހިންގާ ހަރަކާތެކެވެ. އެގޮތުން އެ ޒުވާނުންގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން މިކަމާއި ގުޅޭ ބެނަރ އަދި ލިޔުންތައް ހިފައިގެން އެއްވާން ނިންމާފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ ހުންނަ ސަރަހައްދަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މި ހަރަކާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް ކަމުގައިވާ އިއްޒަތު ބުނީ، މި ހަރަކާތަކީ އެއްވެސް ގޮތަކަށް ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތެއް ނޫން ކަމަށެވެ. ހަރަކާތް ބާއްވަން ޖެހުނީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދޭން ސަރުކާރަށް ބާރު އެޅުމުގެ ނިޔަތުގައި ކަމަށެވެ.
އިއްޒަތު ބުނީ މިހާރު މަގުތައް އޮތް ހާލަތުން ސިއްހީ މަރުކަޒަށް މީހުން ގެންދިޔުމުގައި އަދި ސްކޫލަށް ކުދިން ގެންދިޔުމުގައި ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ހާއްސަކޮށް އެ ރަށުގައި ގިނައިން އެއްގަމު އުޅަނދު ފަހަރު ދުއްވާ އުޅެނީ އަންހެނުން ކަން ފާހަގަކޮށް އޭނާ ބުނީ މަގްސަދަކީ އެމީހުން އުފުލާ ތަކުލީފަށް ވީހާވެސް އަވަހަކަށް ލުޔެއް ހޯދައިދިނުން ކަމަށެވެ.
ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނި، މިހާތަނަށް މިކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ފަށާފައި ނުވާތީ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށް ވެސް އިއްޒަތު ބުންޏެވެ. ނަމަވެސް އޭނާ ވަނީ މިހާރު ވެސް ސަރުކާރުން މިކަމުގައި އަލިމަގެއް ދައްކައިފި ހާލަތެއްގައި ހަރަކާތް ނުބާއްވާނެ ކަމަށް ވެސް އޭނާ މައުލޫމާތު ދީފައިވެއެވެ.
މިހާރު ވެސް އެ ރަށުގެ ލިންކް ރޯޑުގެ މަސައްކަތް ކުރިޔަށްދާ ކަން ފާހަގަކޮށް، އެކަން ބަލައިގަން ކަމުގައިވީ ނަމަވެސް، މި ވަގުތަށް އެންމެ މުހިންމީ އެ ރަށުގެ އެތެރޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން ކަމަށް އޭނާ ބުންޏެވެ. އަދި އެ ރަށުގެ ވަށައިގެން އޮންނަ ލިންކް ރޯޑުގެ މަސައްކަތް ނިމުނުހާ އަވަހަކަށް މި މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވީ ނަމަވެސް، އެކަމަށް ވުރެ ބޮޑު އަހައްމިއްޔަތު ކަމެއް ރަށު ތެރޭގެ މަގުތައް ހެދުމަށް ދިނުމަށް ވެސް އޭނާ ބާރުއެޅިއެވެ.
ފުވައްމުލަކުގެ ރިންގް ރޯޑުގެ މަސައްކަތް އަލުން ފަށާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. މި މަސައްކަތް ކުރަން ފަށާފައިވަނީ ރައީސް ޔާމިންގެ ސަރުކާރުގެ ދުވަސްވަރުގައެވެ.