Advertisement
ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 15:56
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ
މަޖިލިސް
މަޖިލިސް 2019
ނިމުނު މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ނުނިންމާ އޮތް 776 އޮޑިޓް ރިޕޯޓް އެބައޮތް: ޔައުގޫބް
މާލިއްޔަތު ކޮމިޓީން ދިރާސާ ކުރަމުން އަންނަނީ، ކުރީގެ ކޮމިޓީން މަސައްކަތް ނުނިންމައި ހުރި ރިޕޯޓްތައް
ފާއިތުވި އެއްމަސް ތެރޭގައި، މިއަދާއި ހަމައަށް 15 ޖަލްސާއަށް ވުރެ ގިނަ ޖަލްސާ ކޮމިޓީން ބާއްވާފައިވޭ
2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތައް ދިރާސާ ކުުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ވަނީ ހުށަހަޅާފައި

18 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނުނިންމައި އޮތް 776 އޮޑިޓް ރިޕޯޓް އެބައޮތް ކަމަށް މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތައް ދިރާސާ ކުރުމަށްފަހު، މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި ރިޕޯޓަށް ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ، ނިމިގެންދިޔަ 18 ވަނަ މަޖިލީހުން ނުނިންމައި އޮތް 776 އޮޑިޓް ރިޕޯޓް އެބައޮތް ކަމަށާއި، މިހާރު މާލިއްޔަތު ކޮމިޓީން ކުރަމުން އަންނަނީ އެ ރިޕޯޓްތައް ނިންމުމުގެ މަސައްކަތް ކަމަށެވެ.

ނިމިދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާކަން ފާހަނގަކުރައްވާ ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން ގޮސް 2019 ވަނަ އަހަރާއި ހަމައަށް އައިއިރު، ކޮމިޓީން ބާއްވާފައިވަނީ 110 ޖަލްސާ ކަމަށެވެ. 18 ވަނަ މަޖިލީހުގެ 5 އަހަރުގެ ދައުރުގައި ބޭއްވުނު ޖަލްސާތަކުގެ ތަފްސީލް ހާމަކުރައްވަމުން ޔައުގޫބް ވިދާޅުވީ 2014 ވަނަ އަހަރު 28 ޖަލްސާ ބާއްވާފައިވާއިރު، 2015 ވަނަ އަހަރު 20 ޖަލްސާ، 2016 ވަނަ އަހަރު 26 ޖަލްސާ، 2017 ވަނަ އަހަރު 17 ޖަލްސާ، 2018 ވަނަ އަހަރު 19 ޖަލްސާ ކަމަށެވެ.

Advertisement

އާ މަޖިލިސް ފެށިގެން ފާއިތުވި އެއްމަސް ތެރޭގައި، މިއަދާއި ހަމައަށް 15 ޖަލްސާއަށް ވުރެ ގިނަ ޖަލްސާ ކޮމިޓީން ބާއްވާފައިވާ ކަމަށް ޔައުޤޫބް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއީ ނިސްބަތުން ބަލާ ކަމުގައިވާނަމަ، މީގެ ކުރީ މަޖިލީހުގެ އެއް އަހަރުގެ ޖަލްސާއަށް ވުރެ ގިނަ ޖަލްސާ މިހާތަނަށް އައިއިރު، ކޮމިޓީން ބާއްވާފައިވާ ކަމަށެވެ. ކޮމިޓީގެ މަސައްކަތް ފެށި މަސައްކަތުގެ ނަތީޖާވެސް ދައްކާލެވިއްޖެ ކަމަށް ޔައުގޫބް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ހިތައް އަރާ ކުރީގެ މަޖިލީހުގައި ޚާއްސަކޮށް، މިދިޔަ 18 ވަނަ މަޖިލީހުގައި މާލިއްޔަތު ކޮމިޓީގައި ތިއްބެވި މެމްބަރުން އެ ކުރެއްވި މަސައްކަތަކީ ކޮބައިތޯ؟ އެ ބޭފުޅުންނަށް އެ ބޭފުޅުންގެ މުސާރަ ހަލާލުތޯ އަޅުގަނޑު ހިތައް އަރާ. އެބޭފުޅުންގެ މަސައްކަތް ކުރިއަށް މި އޮތް ހަ މަސްދުވަހު ކުރަންޖެހިފައި މި އޮތީ."

މާލިއްޔަތު ކޮމިޓީގެ މި ދައުރު ނިމިގެންދާއިރު، ކޮމިޓީގެ މަސައްކަތް ނުނިންމާ، ދެން އޮތް މަޖިލީހަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން ޔައުގޫބް ވަނީ ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް