ކުރީގެ ރައީސް ޔާމިން ރާއްޖޭގެ ތަރިކައާއި ސަގާފަތް ނައްތާލުމަށް ޓާގެޓް ކުރެވިގެން އެތައް މަޝްރޫއުތަކެއް ހިންގެވި ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ސަގާފީ ތަރިކައިގެ ބިލާއި ގުޅިގެން ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ނަސީބަކީ ކުރީގެސަރުކާރު ބަދަލު ކުރެވުން ކަމަށެވެ.
އެގައުމެއްގެ ތަރިކަތަކާއި އާސާރުތައް ހިމާޔަތް ކުރުމާއި ދުރުވިސްނުމެއް އެ ސަރުކާރުގައި ހުރުމުން އެ ގައުމަކަށް ވެގެންދާގޮތް ފާއިތުވި ސަރުކާރުގެ 5 އަހަރުތެރޭގައި ފެނިގެން ހިނގައްޖެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
އަދި މިފަދަ ސަރުކާރެއް ބަދަލު ކުރެވުމަކީ ލިބިގެންދާ އުފަލެއް ކަމަށް ވެސް އޭނާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
މި ބިލުގެ މުހިއްމުކަން ފާހަގަ ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ، މި ދައުލަތުގެ ވެރިއަކަށް ރައީސް ޔާމީން ފަދަ އެހެން ވެރިއެއް ކުރިއަށް އޮތް ތާގައި ވެސް ފެނުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެ ފަދަ ބޭފުޅަކަށް މި ކަހަލަ ކަންކަން ނުކުރެވޭނެ ކަހަލަ ގޮތަކަށް ބިލް އެކުލަވާލާ ، ގާނޫނަކަށް އަމަލު ކުރަން ފަށަން ޖެހޭ ކަމަށެވެ.
އަދި މި ސަރުކާރުގެ ވިސްނުން ވަރަށް ސާފު ކަމަށާއި ކުރީ ސަރުކާރާ ޚިލާފަށް މިހާކުރު މުއްދަތެއްގައި ސަރުކާރުން މި ފަދަ ބިލެއް އެކުލަވާލާ މަޖިލީހަށް ފޮނުވިކަން އެއީ ސަރުކާރުން މިފަދަ ކަންކަމަށް ދޭ އަހައްމިއްޔަތުގެ ބޮޑުކަން އެގިގެންދާކަމެއް ކަމަށް ވިދާޅުވިއެވެ.
ސަގާފީ ތަރިކައިގެ ބިލަކީ ރައީސުލްޖުމްހޫރިއްޔާއާއި ހެރިޓޭޖް މިނިސްޓަރުގެ ފަރާތުން ތަރިކަ ދެނެގަނެ އެ ތަކެތި ގިންތިކުރުމުގެ އުސޫލްތައް އެކުލަވާލާ ރައްކާތެރި ކުރުމަށްޓަކާ މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ.