މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑެރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގި އިރު އެކަން ފުލުހުންނަށް ނުފޮނުވަން ނިންމީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ އޭރުގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުކަން ހާމަ ވެއްޖެއެވެ.
އެންޓިކަރަޕްޝަން ކަމިޝަން (އޭސީސީ)އިން އެކަން ތަހުގީގުކޮށް ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން (އެފް.އައި.ޔޫ) އަށް ލިބިފައިވާ އެސް.ޓީ.އާރު ގައި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހިމެނިފައި ވީނަމަވެސް 06 އެޕްރީލް 2015ގައި ފައިނަލް ކުރުމުގައި އެ ރިޕޯޓް ފުލުހުންގެ އިދާރާއަށް ނުފޮނުވަން ނިންމާފައިވަނީ އާތިފް ޝަކޫރުކަން އޭނާގެ އިއުތިރާފުންނާއި ތަހުގީގުން ހާމަވާކަމަށް ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެދިޔައިރު، އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ލިބިފައިވާކަން ތަހުގީގުން ހާމަވެފައިވާ ކަމަށް އެރިޕޯޓުގައި ވެއެވެ.
އެފްއައިޔޫގެ އެނަލިސިސް ރިޕޯޓާ ހަވާލާދީ އޭސީސީން ބުނީ އެސްއޯއެފް ކުންފުންޏަށް ޖުމްލަ 22،100،000 ( ބާވީސް މިލިޔަން އެއްލައްކަ) ޑޮލަރު ޑިޕޮސިޓްގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. އަދި އޮގަސްޓު 2014 އިން އެ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެމްއެމްޕީއާރުސީން މުޅި ޖުމްލަ 9،100،000 ( ނުވަ މިލިޔަން އެއްލައްކަ) ޑޮލަރު އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކުރި ކަން އެފްއައިޔޫގެ ތަހުގީގުން އެނގެން އޮތް ކަމަށާއި ޖުމްލަ އަށް ޓްރާންސްސެކްޝަނެއް މެދުވެރިކޮށް ތުހުމަތު ކުރެވޭ ކުންފުނިން ޖުމްލަ 47،500،000 ( ސާޅީސް ހަތް މިލިޔަން ފަސްލައްކަ) ރުފިޔާ އެކުންފުނީގެ ބޭންކް އެކައުންޓްތަކުން ނަގާފައިވާ ކަމަށް ބުނެފައިވެއެވެ.
އެސްއޯއެފަކީ އެހާ ބޮޑެތި ވިޔަފާރީގެ މުއާމަލާތްތައް ހިންގޭވަރުގެ ގާބިލުކަމެއް ނެތް ކުންފުންޏެއްކަން ކުންފުނީގެ ޓެކްސް ފައިލިން އަދި އަހަރީ ރިޕޯޓް ތަކުން އެނގެއެވެ.
މި މައްސަލާގައި އާތިފް ޝަކޫރު އެ ޑިސިޝަން ނަގާފައި އެވަނީ އެވަގުތު ލިބެންހުރި ރިސޯސް ތަކަށް ބަލައި ބްލެކްމަނީއަށް ފޯކަސް ކުރުމަށް އޭރުގެ ގަވަރުނަރު އިރުޝާދުދީފައިވާތީ ކަމަށް ބުނެފައިވާ ކަމަށާއި އެވަގުތުގެ ފޯކަސްއަކީ ރާއްޖޭން ބޭރުން އަންނަ ބްލެކް މަނީ ހުއްޓުވުމަށް މަސައްކަތްކުރުން ކަމަށް ގަވަރނަރ ދިން އިރުޝާދުގެ ދަށުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެއްވެސް ތަހުގީގީ އިދާރާއަކާ ޙަވާލު ނުކުރުމަށް ނިންމީ ކަމަށް ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ގަވަރނަރ ދޭ އިރުޝާދަށް ޢަމަލުކުރުމަކީ ޤާނޫނުން އެފްއައިޔޫގެ ހެޑްއަށް ލާޒިމްކުރާ ކަމެއް ނޫންކަމުގައި ވީނަމަވެސް، އޭނާ އޭރު މަސައްކަތްކުރި އިންސްޓްޓިއުޓް ގެ އުސޫލުތަކާ އަދި އެފް.އައި.ޔޫ އަކީ ހަމަ ސީދާ ގަވަރނަރ އާ މަޝްވަރާ ކޮށްގެން ހިނގާ ތަނެއްގެ ގޮތުގައި އޮތުމުން ޤަބޫލުކުރީ އެ އިންސްޓްޓިއުޓް ހިންގަނީ އެގޮތަށް ކަމަށާއި އެފް.އައި.ޔޫ ގެ ރިސޯސް މުއްސަނދިވުމުން އިތުރު ކަންތައްތައް ވެސް ބެލޭނެ ކަމަށް އާތިފް ޝަކޫރު ބުނެފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް އެފްއައިޔޫގެ އޭރުގެ ވެރިޔާގެ އެފަދަ އިރުޝާދެއް ދީފައިވާކަމުގެ އެއްވެސް ހެއްކެއް ތަހުޤީޤަށް ލިބިފައެއް ނުވެއެވެ. އަދި އޭރުގެ ގަވަރުނަރު އެފް.އައި.ޔޫ އިން އެއްވެސް ކަމެއްގައި ވަކި ގޮތަކަށް ޢަމަލުކުރުމަށް އިރުޝާދު ދީފައި ނުވާނެ ކަމަށް ތަހުގީގުގައި ބުނެފައިވެއެވެ.
އޭސީސީއިން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އާތިފްގެ މައްޗަށް އުފުލުމަށް އެ މައްސަލަ މިދިޔަ ފެބުރުއަރީ 18ގައި ޕީޖީ އޮފީހަށް ފޮނުވިއެވެ. އެކަމަކު އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ރެކޮމެންޑްކޮށް ޕީޖީގެ ފަރާތުން އެ މައްސަލަ އަނބުރާ ފޮނުވާލީއެވެ. އަދި މިދިޔަ ފެބުރުއަރީ 21ގައި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭސީސީއިން ބުންޏެވެ.