Advertisement
ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 03:10
އިމާރަތް ކުރަމުންދާ ފްލެޓްތަކެއް
އިމާރަތް ކުރަމުންދާ ފްލެޓްތަކެއް
ތަހާރަތު މުހައްމަދު ވަހީދު
ޓްރޭޑް ޔޫނިއަން
އިމާރާތްކުރަން ބޭނުންކުރާ ތަކެތި ހުއްދަނެތި އެތެރެކުރުން މަނާ ކުރީ ވަކިބަޔަކަށް މަންފާ ހޯދަދޭން: ޓްރޭޑް ޔޫނިއަން
މިކަމަކީ ދެއުޅިއެއްވާ ކަމެއް ނޫން ކަމަށް ބަޔާނުގަ ބުނެފަވޭ
ޤަވާޢިދުތަކާއި އުސޫލުތައް ބަދަލުކޮށްގެން ހިންގޭ ނިޒާމީ ކޮރަޕްޝަންގެ ޗެއިނަށް އިތުރުވި ބޮޅެއް

އިމާރަތް ކުރަން ބޭނުންކުރާ ބައެއް ތަކެތި ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓްރީގެ ހުއްދަނެތި އެތެރެކުރުން މަނާކުރީ ވަކިބަޔަކަށް މަންފާ ހޯދަދޭން ކަމަށް ޓްރޭޑް ޔޫނިއަން އިން ބުނެފިއެވެ.

އެ ޔޫނިއަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އިމާރާތް ކުރަން ބޭނުންވާ ތަކެތީގެ ތެރެއިން ހަ ބާވަތެއް، ޕްލޭނިން މިނިސްޓްރީގެ ހުއްދަނެތި ރާއްޖެ އެތެރެކުރުމާއި، އުފެއްދުން މަނާ ކޮށްފައިވަނީ ވަކިބަޔަކަށް މަންފާ ހޯދައިދިނުމަށް މަގުފަހިކުރުމަށް ކަމަށެވެ. އަދި އެއީ ގަވާއިދުތަކާއި އުސޫލުތައް ބަދަލުކޮށްގެން ހިންގޭ ނިޒާމީ ކޮރަޕްޝަންގެ ޗެއިނަށް އިތުރުވި ބޮޅެއް ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

އެ ބަޔާނުގައި ވަނީ، ސިމެންތިއާއި، ކޮންކްރީޓަށް ބޭނުންވާ ހުރިހާ ގްރޭޑެއްގެ ހިލައާއި، ކޮންކްރީޓަށް ބޭނުންވާ ހުރިހާ ވައްތަރެއްގެ ވެލީގެ އިތުރުން ސްޓްރަކްޗަރަލް ދަގަނޑާއި، ހުރިހާ ގްރޭޑެއްގެ ރެޑީ މިކްސް ކޮންކްރީޓުގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ގާ ރާއްޖެ އެތެރެކޮށްފި ނަމަ އެތަކެތި މޯލްޑިވްސް ކަސްޓަމްސުން ހިފަހައްޓާނެކަމަށް އަންގާފައިވާތީ، ކަންބޮޑުވާކަމަށް ބުނެފަ އެވެ. އަދި ހަ ބާވަތެއްގެ މެޓީރިއަލް، ޕްލޭނިން މިނިސްޓްރީގެ ހުއްދަ ނެތި އެތެރެކުރުމާއި އުފެއްދުން މަނާކުރީ، އެތަކެއްޗަކީ އެންމެ ރަނގަޅު ފެންވަރުގެ ތަކެތި ކަމަށް ހެދުމުގެ ބޭނުމުގައިކަމަށް، ބުނެ، އެތެރެކުރުމުގެ ހުއްދަ ލިބޭނީ "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު" ގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ހަމަޖެއްސުމަކީ، ދެއުޅިއެއްވާ ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

ޓްރޭޑް ޔޫނިއަނުން ބުނީ، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓްރީގެ މިއަމަލަކީ، އިޤްތިޞާދު ގައި ހުރިހާ ވިޔަފާރިތަކަށްވެސް ޙަރަކާތްތެރިވެވޭގޮތަށް އޮތް މިނިވަން ފުރުޞަތު ހަނިކޮށް ސަރުކާރުން ސިނާއަތަށް ވަދުމަށް މަގުފަހިކުރުމަށް ކޮށްފައިވާކަމެއް ކަމަށެވެ. އަދި އެއީ މިނިވަން އިޤްތިޞާދުގެ ހަމަތައް ގެއްލުވާލާ ޒަމާނުއްސުރެ ރާއްޖޭގައި ހިފާއްޓަމުން އަންނަ "ކޮމާންޑް އެކަނަމީ" ގެ ސިފަތައް އިޤްތިޞާދުގައި އަށަގެންނެވުމަށް ކުރެވިފައިވާ މަސައްކަތެއް ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުގެ އެ ނިންމުމަކީ މުދާ އެތެރެކުރާ ފަރާތްތަކަށާއި، އުފެއްދުން އުފައްދާ ފަރާތްތަކަށް އިދާރީ ތަކުލީފު އިތުރުކޮށް، އެއްކަމެއްގައި އެތައް ހުއްދައެއް ސަރުކާރުގެ އެކި އިދާރާތަކުން ހޯދަންޖެހޭގޮތަށް، ކަނާއަތު ފިޔައިގެ މިނިވަން އިޤްތިޞާދުގެ ހަމަތައް ޤާއިމުކުރުމަށް މަސައްކަތްކުރާ ސަރުކާރަކުން އަޅާނެ ފިޔަވަޅެއްނޫންވެސް ބަޔާނުގައި ބުނެފައިވެއެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޮމިއުނިޒަމް އާއި ސޯސަލިޒަމްގެ ވާއަތު ފިޔައިގެ ހަރުކަށި ފިކުރިއްޔާތުތަކުގެ ސަބަބުން، ސަރުކާރުން ސީދާ ވިޔަފާރިކުރުމާއި، ޕަބްލިކް ސެކްޓާރ އާއި ޕްރައިވެޓް ސެކްޓަރ ތަރައްޤީކޮށް ވާދަވެރިކަން ނުއުފެއްދުމުގެ ނަތީޖާއަކަށް ވެފައިވަނީ، މިނިވަން މާރުކޭޓް އިޤްތިޞާދެއް ޤާއިމުކޮށް ވަކިވަކި ގުދުރަތީ ސަޙުޞުތަކަށާއި ޤާނޫނީ ސަޙުޞުތަކަށް ލިބެންޖެހޭ އިޙްތިޔާރުކުރުމުގެ މިނވަންކަން ހަނިވުން ކަމަށެވެ.

ވިޔަފާރީގެ މިނިވަންކަން ވިޔަފާރިތަކަށާއި އެންމެހާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްޓަކައި، ޕްލޭނިން މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލު އަލުން މުރާޖައާކޮށް ބާތިލްކުރުމަށް އެ މިނިސްޓްރީއަށާއި ދިވެހި ސަރުކާރަށް އެ ޔޫނިއަނުން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް