ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމް ޢަބްދުﷲ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އުމުރުން 14 އަހަރުގެ ޝައިމް ގެއްލިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވަނީ މިމަހުގެ 18 ވީ އަންގާރަ ދުވަހުއެވެ.
ޝައިމް ފެނިފައިވަނީ ކޮން އިރަކު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޕޮލިސް ކަމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ ޝައިމް ހޯދާފައިވަނީ މާލޭގެ ގެއަކުން ކަމަށެވެ. އަދި ބާރުގެ ބޭނުން ކޮށްގެން އެގެއަށް ވަދެ ޝައިމް އެގެއިން ނަގާފައިވާ ކަމަށާއި މިހާރު ޝައިމް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ މަހުގެ 18 އިން ފެށިގެން ފުލުހުން ވަނީ ޝައިމް ހޯދުމަށް ކޯޓު އަމުރުގެ ދަށުން މާލޭގެ އެކި ގެތައްބަލާ ފާސް ކޮށްފައެވެ. އަދި ސީސީޓީވީ ފޫޓޭޖް ބަލައިގެން ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރިއެވެ.
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެފައިވަނީ ޝައިމް ފިލާފައިވަނީ ދެވަނަ ފަހަރަށް ކަމަށެވެ.
މިނިސްޓަރ ޝިދާތާ ވިދާޅުވީ އާއިލާގެ ތެރެއިން އެކި އެކި އިހުމާލު ވެގެން ޝައިމްގެ މައްސަލަ އެ މިނިސްޓްރީއަށް ފުރަތަމަ ހުށައެޅިފައި ވަނީ 2009 ވަނަ އަހަރުގެ ޖޫން ދިހަ ވަނަ ދުވަހުގެ ތެރޭގައި ކަމަށެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ޖެންޑަރ މިނިސްޓްރީން އިންޓަވެންޝަން ހިންގާފައިވާ ކަމަށް ވެސް ޝިދާތާ ވަނީ ވިދާޅުވެފައެވެ.
ޝައިމް އެންމެ ފުރަތަމަ ޖެންޑަރގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާއަށް ގެންދެވިފައިވަނީ، 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ގައެވެ. އަދި އެއަށް ފަހު ދަރުމައަށް ކުދިން ބަލައިދޭ އުސޫލުގެ ދަށުން އޭނާގެ ބެލެނިވެރިކަން ބަޔަކާ ހަވާލު ކުރެވުނީ 2016 ވަނަ އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހުގައެވެ.