މީގެ ދެ އަހަރު ކުރިން އޭރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި އާދަމް ޝަރީފް ހ. ހާޖަރާގެ އަބުދުﷲ ލުތުފީއާ އެކު ސްރީލަންކާގައި ކޮފީބޯން ހުންނެވި ތަން ފެނިވަޑައިގަތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ތުހުމަތެއް ކުރައްވައިފިއެވެ.
ލުތުފީ މާލެ ގެނައުން ލަސްވާތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ކަނޑިތީމު ދާއިރާގެ މެމްބަރު ޝަހީމް ވިދާޅުވީ، އެ ގަރާރު ހުށައަޅާފައިވަނީ ލުތުފީ މާލެ ނުގެނެވިގެން ނޫން ކަމަށެވެ. އެއީ ސިޔާސީ ތާއީދު ނެތިގެން އެކަން ޑައިވާޓް ކުރަން ކުރެއްވި ކަމެއް ކަމަށެވެ.
މިއަދު މިތަނަށް މި ތަޅުމަށް ހުށައަޅައިގެން އުޅޭ މައްސަލަ ހުށައެޅުއްވި ބޭފުޅާ އިއްޒަތްތެރި މެމްބަރު އާދަމް ޝަރީފް މީގެ ދެ އަހަރު ކުރީގައި ލުތުފީއާއި އެކީގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން އަބްދުﷲ ލުތުފީ އާއި އެކުގައި ލަންކާގައި ކޮފީ ބޯން އިން މަންޒަރު. މިއީ ހިތަމާ ހުރި ކަމެއްއަބްދުﷲ ޝަހީމް އަބްދުލް ހަކީމް~ ކަނޑިތީމު ދާއިރާގެ މެމްބަރު ~
އާދަމް ޝަރީފް ވަނީ މަޖިލީހުގެ ތަޅުމުގައި އެކަން ދޮގުކުރައްވާފައެވެ. އާދަމް ޝަރީފް ރާއްޖެ.އެމްވީ އަށް ވިދާޅުވީ ލުތުފީ ގެނައުމުގެ މަސައްކަތް ކުރަން ޖެހެނީ އެމްއެންޑީއެފް އިން ނޫން ކަމަށެވެ.
އޭނާ ގެނައުމުގެ މަސައްކަތަކީ ފުލުހުންގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވިއެވެ. އެ ގަރާރު ހުށައެޅުއްވުމުގެ ދެ ބޭނުމެއް އޮތް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ އިދިކޮޅު އަޑު ކަޑުވަން ނުވަތަ ޖަޒުބާތުގައި ޖެހިގެން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވެފައިވާ ގޮތުން އޭރުގެ ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު ފުލުހުންނާއި މުހާތަބުކުރައްވައި ލުތުފީ އަކީ ގެންނަން ޖެހޭ މީހެއް ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.
ލަންކާގައި ހުންނަ ރާއްޖެ އެމްބަސީއާ ލުތުފީ އަމިއްލައިން ހަވާލުވެފައިވަނީ މޭ މަހުގެ އެއްވަން ދުވަހުއެވެ. އޭނާ ގެނުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަދެއެވެ. އެކަމަކު އަދިވެސް އޭނާ ގެނެވޭގޮތެއް ނުވެއެވެ.