Advertisement
ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 00:55
އޭޖީ އޮފީހުގެ މުވައްޒަފަކު ޓާސްކް މެނޭޖަރ ސޮފްޓްވެއަރ ބޭނުން ކުރަނީ
އޭޖީ އޮފީހުގެ މުވައްޒަފަކު ޓާސްކް މެނޭޖަރ ސޮފްޓްވެއަރ ބޭނުން ކުރަނީ
އޭޖީ އޮފީސް
އެޓަރނި ޖެނެރަލްގެ އޮފީސް
އޭޖީ އޮފީހުގެ މަސައްކަތް ހަލުވި ކުރުމަށް ހާއްސަ ވިއުގައެއް
އަލަށް ތައާރަފްކުރި ސިސްޓަމަކީ ޓާސްކް މެނޭޖަރ ސިސްޓަމެއް
ޓާސްކް މެނޭޖަރގެ ސަބަބުން މުވައްޒަފުންގެ މަސައްކަތް ހަލުވިވެގެން ދާނެ
އެއީ ''ސްޓާފް އިންޓްރާނެޓް"ގެ ދަށުން އުފެއްދި ވިއުގައެއް

އެޓަރނީ ޖެނަރަލް އޮފީހުގެ މުވައްޒަފުންނަށް ހަވާލު ކުރާ މަސައްކަތް އަވަސްކޮށް، ދުވަހުން ދުވަހަށް ކުރާ މަސައްކަތަށް ޖަވާބުދާރީވެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ވިއުގައެއް އެ އޮފީހުން ބޭނުން ކުރަން ފަށައިފިއެވެ.

ޖުމްލަ 89 މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނަ އޭޖީ އޮފީހަށް އާދިއްތަ ދުވަު އަލަށް ތައާރަފްކުރި ސިސްޓަމަކީ ޓާސްކް މެނޭޖަރ ސިސްޓަމް އެކެވެ.

އެ ސިސްޓަމަކީ މުވައްޒަފާއި މަސައްކަތް ހަވާލުކުރާ ހިސާބުން ފެށިގެން، ނިމުމާ ހަމައަށް އެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ފެންނާނެ ގޮތަށް ތައްޔާރު ކުރެވިފައިވާ ވިއުގައެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެ ވިއުގައަކީ މެސެޖިން އެޕް، "ޓެލެގްރާމް" އާ އިންޓަގްރޭޓްކޮށްފައިވާ ސިސްޓަމެކެވެ.

އެގޮތުން ކޮންމެ މުވައްޒަފަކަށް ޚާއްޞަ ކުރާ ލޮގިންއަކުން ވަދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓާސްކް މެނޭޖަރ މެދުވެރިކޮށް، މުވައްޒަފަކަށް މަސައްކަތް ހަވާލު ކުރުމުން، ޓެލެގްރާމުން މެސެޖު ލިބޭނެއެވެ. އަދި ހަވާލު ކުރި މަސައްކަތާ ގުޅޭ ގޮތުން ޖަވާބުދާރީ ވެސް ވެވޭނެކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ.

Advertisement

އެޓަރނީ ޖެނަރަލް އިބްރާހީމް ރިފްޢަތު ވިދާޅުވީ، މި ނިޒާމުގެ މަގްސަދަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން އަވަސްކޮށް، މުވައްޒަފުންގެ މަސައްކަތް ހަލުވިކޮށް، ޖަވާބުދާރީވުން ހަރަދުނާ ކުރުން ކަމަށެވެ.

އޭޖީ އިތުރަށް ވިދާޅުވީ ޓާސްކް މެނޭޖަރ އިން ހާސިލު ކުރަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ޓެކްނޮލޮޖީގެ ފަސޭހަކަން މަސައްކަތުގެ މާހައުލަށް ތައާރަފްކޮށް، މުވައްޒަފުން އެކަމަށް އަހުލުވެރިކޮށް، އިދާރީ ބޭނުމަށް ކަރުދާސް ބޭނުންކުރާ މިންވަރު މަދުކޮށް، އޮފީހުގެ ޚަރަދު ކުޑަ ކުރުން ހިމެނޭކަމުގައެވެ.

އެ އޮފީހުގެ އައިޓީ ކޮންސަލްޓަންޓް "ނުވިލު" އިން ބުނީ ޓާސްކް މެނޭޖަރގެ ސަބަބުން މުވައްޒަފުންގެ މަސައްކަތް ހަލުވިވެ، ފަރުވާތެރިކަމާ އެކު މަސައްކަތް ނިންމުމަށް މުވައްޒަފުން ސަމާލުކަންދޭނެ ކަމަށެވެ.

ޓާސްކް މެނޭޖަރ ސިސްޓަމަކީ އޭޖީ އޮފީހުގެ މަސައްކަތް ޒަމާނީ ޓެކްނޮލޮޖީއާ ގުޅޭ ގޮތަށް ބަދަލުކޮށް، އޮފީހުގެ އިދާރީ މަސައްކަތްތައް މުވައްޒަފުންނަށް އެއް ޕްލެޓްފޯމަކުން ފެންނާނެ ގޮތް ހެދުމަށް ތައްޔާރު ކުރަމުންދާ "ސްޓާފް އިންޓްރާނެޓް"ގެ ދަށުން އުފެއްދި ވިއުގައެއް ކަމުގައި އެ އޮފީހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް