1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ މާލެ ގެނެސް ކަރެކްޝަންސް އާއި ހަވާލު ކުރާނީ މި ސަރުކާރުން ކަމަށް ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ އަލީ ޒާހިރު ކުރައްވާފައިވާ ޓްވީޓްގައި ވަނީ ބަޔަކު ނުކޮށް ދޫކޮށްލި ކަމެއްގެ ވާހަކަ އެބޭފުޅުން ދައްކަން ނެތް ކަމަށާއި ލުތުފީ މާލެ ގެނެސް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އާއި ހަވާލުކުރާނީ މި ސަރުކާރުން ކަމަށެވެ.
ލުތުފީ ގެންނާނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޯންގް) ލަންކާގައި ހުއްޓާ މާލެ ގެނައި ގޮތަށް ޤާނޫނާއި ޚިލާފަށް ނޫން ކަމަށާއި, ދެ ގައުމުގެ ޤާނޫނީ އިމުގެ ތެރެއިން އެކަން ނިންމާނެ ކަމަށް އަލީ ޒާހިރުގެ ޓްވީޓްގައި ވެއެވެ.
ލުތުފީ އުމުރަށް ޖަލަށް ލާފައި ހުއްޓާ ބޭސްފަރުވާ އަށް ފޮނުވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެވެ. އެ ދަތުރުގައި އޭނާ ވަނީ ފިލާފައެވެ. އެއަށް ފަހު ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އޭނާ ހޯދައިގެން ރާއްޖެ ގެނެވިފައެއް ނުވެއެވެ.
އިންޓްޕޯލް ރެޑް ނޯޓިސް ނެރެ ހޯދަމުންދިޔަ ލުތުފީ ލަންކާގައި ހުންނަ ރާއްޖެ އެމްބަސީއާ އަމިއްލައިން ހަވާލުވެފައިވަނީ މޭމަހު އެއްވަނަ ދުވަހުއެވެ.
ފުލުހުން ކުރިން ބުނެފައިވަނީ ލުތުފީ އަނބުރާ ރާއްޖެ ނުގެނެވިގެން އުޅެނީ އޭނާ ގެނައުމަށް ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރެވިފައިނުވާތީ ކަމަށެވެ. އަދި ލުތުފީ މާލެ ގެނައުމަށް ފުލުހުންގެ ޓީމެއް މިހާރު އަންނަނީ އެ ޤައުމުގައި ހަރަކާތްތެރިވަމުންކަމަށެވެ.