ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން، ޔުނިވަރސިޓީގެ ތައުލީމީ ފެންވަރު އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހުސެއިން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ގައުމީ ޔުނިވަރސިޓީގެ ބިލް ދިރާސާކުރަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގައުމީ ޔުނިވަރސިޓީގެ ގާނޫނަށް ގެނެވޭ އިސްލާހުގެ ސަބަބުން ޔުނިވަރސިޓީގެ ތެރޭގައި ސަރުކާރުގެ ބާރު ކުޑަވެ މިނިވަންކަމާއެކު ހިންގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ސިޔާސީ ނުފޫޒު ޔުނިވަރސިޓީ ތެރެއިން ނެތިގެންދާނެ ކަމަށެވެ.
ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ އަދި ވައިސް ޗާންސެލަރ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ގޮތަށް އޮތް އޮތުން އެއީ ކޮންކަހަލަ ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާތޯ މެމްބަރަކު ސުވާލުކުރެއްވުމުން މިނިސްޓަރ ވިދާޅުވީ، އެ ގޮތަށް އޮތުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
ގައުމީ ޔުނިވަރސިޓީގެ ބިލް ހުށަހަޅާފައިވަނީ، އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަދި ޑެޕިއުޓީ ވައިސް ޗާންސެލަރގެ މަގާމަށް މީހުން އައްޔަންކުރަނީ ޔުނިވަރސިޓީގެ ކައުންސިލުން ކަމުގައި އޮތް އޮތުން (ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު) އަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން ބަދަލުކޮށް އެމަގާމުތަކަށް މީހުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހަމަޖެހިގެންގޮސްފައި ވީނަމަވެސް ކަމާގުޅޭގޮތުން ކައުންސިލަށް އޮތް އިހުތިޔާރުތަކާ ބެހޭ ބައެއް މާއްދާތައް އެގާނޫނުގައި އިސްލާހުކޮށްފައިނުވާތީ، އެގާނޫނުގައި ހުރި އެފަދަ ތައާރުޟުވުންތައް ނައްތާލުމަށެވެ. އަދި އެގާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތަށް ގެނައުމަށެވެ.
މީގެ އިތުރުން އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ޔުނިވަރސިޓީގެ ހިންގުމުގެ އިންތިޒާމްތައް (ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު)ގެ ދަށުން އުފައްދާފައިވާ ގައުމީ ޔުނިވަރސިޓީގެ ހިންގުމާ ވީ ވަރަކުން އެއްގޮތްކުރުމަށްޓަކައި އެގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށެވެ.
ގައުމީ ޔުނިވަރސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ބިލް ދިރާސާ ކުރަމުން އަންނަ ކޮމިޓީން ވަނީ ހުޅުވާލާފައެވެ. އެ ފުރުސަތު ކޮމިޓީން ހުޅުވާލާފައި އޮތީ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.
ގައުމީ ޔުނިވަރސިޓީއާ އިސްލާމިކް ޔުނިވަރސިޓީ އެއްކޮށްލާ އިސްލާމިކް ޔުނިވަރސީޓި އުވާލާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދަނީ އެކަމުގެ ނުރުހުން ފާޅުކުރަމުންނެވެ. ނަމަވެސް ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހްތަކުގެ ތެރޭގައި ދެ ޔުނިވާސިޓީ އެއްކޮށްލުމުގެ ވާހަކައެއް ނުހިމެނެ އެވެ.