ކުޑަކުދިންގެ ބަގީޗާގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ކިނބޫ ގެއްލުނު މައްސަލަ ބަލާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ކިނބޫ ނޭނގި ގެއްލުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދާ ކަމަށާއި، އެސުވާލަށް ޖަބާވު ދޭން ބޭނުންވާ ކަމަށެވެ.
ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ވިދާޅުވީ ކިނބޫ ކުޑަކުދިންގެ ބަގީޗާއިން އެހެންތާކަށް ބަދަލުކުރިއިރު ވެސް ހުންނެވީ ސިފައިންގޭގައި ކަމަށާއި، ނަމަވެސް ކިނބުލަށް ވީ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މީގެ އިތުރުން ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ވިދާޅުވީ ކިނބުލަށް ވީގޮތް ބެލުމަށްފަހު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
އަޅުގަނޑުމެން މީގެ އިންޓާނަލް ކަމެއް ކަމަށްވާތީވެ މިކަން ބަލާނަން. ބަލާފަ އަޅުގަނޑުމެންނަށް އޭގެ މައުލޫމާތު އިރާދަކުރެއްވިއްޔާ މީޑިއާތަކަށް ފޯރުކޮށްދޭނަން.ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ވިދާޅުވި
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށްވީ ގޮތް ބަލާ މައުލޫމާތު އާންމުކުރާނެ ކަމަށް ވިދާޅުވެފައިވާއިރު ކިނބޫ މަރާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާމުދުރުން (ފަންޑިތަވެރިން) ބުނެގެން ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ކިނބުލަށް ޒަހަރު ދީގެން ވެސް ކިނބޫ މަރުނުވުމުން، ބަނދެގެން ގެންގޮސް ސިފައިން ލައްވާ ބަޑިޖަހާ މަރާލާ ވަޅުލާފައިވަނީ ސިފައިންގެ ބެލުމުގެ ދަށުގައިވާ އުތުރު ތިޅަފަޅުގެ މިސްކިތް ކައިރީގައި ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ ހިފާފައި ވަނީ އަރިއަތޮޅު އދ. ތެލުވެލި ގާ ފަޅުތެރެއިން 1998 ވަނަ އަހަރުގެ ފެބްރުއަރީގައި، ގަހާ އަހުމަދު ސައީދެވެ. ގިނަ ދުވަސްތަކެއް ވަންދެން އޮތް ކިނބޫ ގެއްލުނީ 2015 ވަނަ އަހަރުއެވެ.