Advertisement
ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 12:09
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ޖޭއެސްސީ
ޖޭއެސްސީ އިން ދެން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހަރުދަނާ ކުރުން: ރައީސް ނަޝީދު
ފަނޑިޔާރުންނާއި ޖުޑިޝަރީގެ އިދާރީ މަސައްކަތް ކުރައްވަން ތިއްބަވާ ބޭފުޅުންނާއި ގާތްވުން އެއީ ދުނިޔޭގެ ތަޖްރިބާއިން ބަލާއިރު ރަނގަޅު ކަމެއް ނޫން
ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ މަސައްކަތަކީ ފަނޑިޔާރުންނާއި ގުޅޭ މަސައްކަތެއް ނޫން
ޖުޑިޝަރީގެ އިދާރީ މަސައްކަތް ފަނޑިޔާރުން ކުރެއްވުން އެއީ ރައްޔިތުންވެސް އެދޭ ކަމެއް ނޫން

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ދެވަނަ މަސައްކަތަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހަރުދަނާ ކުރުން ކަމަށް ރައްޔިތުންގެ މަޖިލީސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ ބެންޗު އެކުލެވިފައިވާ ގޮތުން ރައްޔިތުންގެ މަޖިލިސްގެ ރައީސް ޖޭއެސްސީގެ ބެންޗުގައި ހިމެނިވަޑައިގަންނަވައެވެ. ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު ޖޭއެސްސީގެ މަސައްކަތް ހަރުދަނާ ކުރުމަށްޓަކާ ރައީސް ނަޝީދު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

"ރާއްޖެ އެމްވީ" އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ މަސައްކަތަކީ ފަނޑިޔާރުންނާއި ގުޅޭ މަސައްކަތެއް ނޫން ކަމަށާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތް ހިންގުމުގެ ބުރަ ފަނޑިޔާރުންނަށް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެފަދަ މަސައްކަތް ފަނޑިޔާރުން ކުރެއްވުން އެއީ ރައްޔިތުންވެސް އެދޭ ގޮތް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement

ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތަކީ ޖުޑީޝަރީގެ އިދާރީ މަސައްކަތް ކުރުމެވެ.

ފަނޑިޔާރު ބޭފުޅަކު ގޮސް ތަށި ދޮންނަން އިންނާކަށް އެއްވެސް މީހަކު ނޭދޭނެ. ނުވަތަ ފަނޑިޔާރު ގޭގެ ބޮކިތައް ދިއްލޭތޯ ބައްލަވާކަށް. ނުވަތަ މަތިވަޑާން ގަނޑުން ލީކްވޭތޯ ބަލާކަށް.

ރައީސް ނަޝީދު ވިދާޅުވީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބޭފުޅުންނަކީ ރަނގަޅު ގޮތުގައި، ރީތި ގޮތުގައި އެޑްމިނިސްޓަރ ކުރާ ބަޔެއްގެ ގޮތުގައި ތިއްބަވަންޖެހޭ ބައެއް ކަމަށެވެ. އަދި އެ ބޭފުޅުންނާއި ފަނޑިޔާރުންނާއި އެހާ ގާތްވުން އެއީ އެހާ ބުއްދިވެރި ކަމެއްގެ ގޮތުގައި ، ގައުމުތަކުގެ ހަޔާތުން ފެންނަން ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިންސާނީ ތަޖްރިބާ އެ ގޮތަށް ދައްކާފައެއް ނެތް. އެހެންވީމަ ޖޭއެސްސީގެ ދެވަނަ މަސައްކަތަކަށް ވާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހަރުދަނާ ކުރުން.

ސުޕްރީމް ކޯޓްގެ އިހްތިސާސްގެ ދަށުގައި ޑޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ )އޮންނައިރު، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތައް ފަނޑިޔާރުން މިހާރު ބަލަހައްޓަމުން އަންނަކަން ފާހަގަކުރެވެއެވެ.

ޖޭއެސްސީން ދެން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހަރުދަނާ ކުރެއްވުން ކަމަށް ވިދާޅުވެފައިވާއިރު، ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރުމުގެ އިތުރުން އެންމެ މަތީ ދެ ކޯޓް ފިޔަވައި އެހެން ކޯޓްތަކުގެ ފަނޑިޔާރުން ކަނޑައެޅުން ފަދަ މުހިއްމު ބާރުތައް ލިބިދޭ ގޮތަށް، ފާއިތުވި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ. ޖޭއެސްސީގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި، މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެންނަން ސިރާޖު ހުށަހެޅުއްވި ބިލްގައި ބުނެފައިވަނީ އާ ޑީޖޭއޭ ހިންގާނީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ކަމަށެވެ. އެ އިސްލާހު ގާނޫނަކަށް ބަދަލުވާ ހިނދުން ފެށިގެން މިހާރުގެ ޑީޖޭއޭ އުވި، އެތަނުގެ ހުރިހާ މުވައްޒަފުންނާއި މަސައްކަތްތައް އާ ޑީޖޭއޭ އަށް ބަދަލުވާނެ ކަމަށް ބިލްގައި ވަނީ ބުނެފައެވެ.

އާ ޑީޖޭއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާ ބެހޭ ކަންކަން އެ ކޯޓެއްގެ ރަޖިސްޓްރާ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުން ހިމެނެ އެވެ. ކޯޓުތަކަށް އިދާރީ މުވައްޒަފުން އައްޔަން ކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި އިދާރީ ފިޔަވަޅު އެޅުމާއި ވަކި ކުރުމުގެ ބާރުވެސް ޑީޖޭއޭ އަށް ދިނުމަށް ބިލްގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް