ކ. މާލެ
|
28 ޖޫން 2019 | ހުކުރު 17:46
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މުހައްމަދު ޝަރުހާން
2 ރުފިޔާގެ ފައިސާ ފޮތީގެ ޝިޕްމަންޓް
2 ރުފިޔާގެ ފައިސާ ފޮތީގެ ޝިޕްމަންޓެއް ރާއްޖެ ގެނެސްފި
2 ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން ރާއްޖެ ގެނެސްފައިވަނީ ޖޫން 25 ވަނަ ދުވަހު

މިހާރު ބޭނުންކުރަމުން އަންނަ 2 ރުފިޔާގެ ފައިސާ ފޮތީގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސްފިއެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ 2 ރުފިޔާގެ ފައިސާ ފޮތީގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސްފައިވަނީ ދެ ރުފިޔާގެ ފައިސާ ފޮތީގެ ސްޓޮކް މަދުވުމާއި ގުޅިގެން ކަމަށާއި 2 ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން ޖޫން 25 ވަނަ ދުވަހު ރާއްޖެ ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާ ކޮށްފައިވާ ކަމަށެވެ.

2 ރުފިޔާގެ އައު ފައިސާ ފޮތި ބާޒާރަށް ނެރެފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ދެ ރުފިޔާގެ ލުއި ފައިސާ ފޮތީގައި ދެ މައުދަނެއް ވަނީ ބޭނުންކޮށްފައެވެ. އެގޮތުން ބޭރުގައި ބޭނުންކޮށްފައިވަނީ ނިކަލް ބްރާސް އަދި އެތެރޭގައި ބޭނުންކޮށްފައިވަނީ ނިކަލް ޕްލޭޓެޑް ސްޓީލެވެ.

އެމްއެމްއޭ އިން ވަނީ 50 ލާރީގެ ފައިސާ ފޮތީގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޖަހައިގެން މިދިޔަ އަހަރުގެ އޮގަސްޓް 7 ވަނަ ދުވަހު، ރާއްޖެ ގެނެސް، ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައެވެ. އެހެންނަމަވެސް ގެނައީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް އެމްއެމްއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

ދައުރުކުރާ ފައިސާގެ ސްޓޮކް މަދުވެގެން ދޭތެރެދޭތެރެއިން އެމްއެމްއޭއިން ފައިސާ ފޮއްޗާއި ނޫޓް ޖަހައިގެން ގެނެއެވެ. އެހެންނަމަވެސް ގެންނަނީ ކިހާ އަދަދެއް ކަމެއް ހާމައެއް ނުކުރެއެވެ. އަދި ރާއްޖެ ގެންނަ ފައިސާ އެއަރޕޯޓުން ގެނެސް، ދައުލަތުގެ ޚަޒާނާއަށް ވައްދަނީ ހަތިޔާރުއެޅި ސިފައިންގެ ޙިމާޔަތުގައެވެ.

- ކޮމެންޓް