ގާނޫނީ ފަންނުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ފަރާތުން އިންތިހާބު ކުރެވުނު ލަތީފާ ގާސިމްގެ މަގާމު ގެއްލިއްޖެ އެވެ.
މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 26 ޖޫންގައި އޮތް ޖަލްސާގައެވެ.
ލަތީފާ ގާސިމްގެ މަގާމު ގެއްލުނީ އެ ގާނޫނުގެ 69 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެ މަތިންނެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ގާނޫނީ ވަކީލުން ފަރާތުން ޖޭއެސްސީ އަށް އިންތިހާބު ކޮށްފައިވާ މެމްބަރުގެ މަގާމު ގެއްލޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މިގާނޫނުގެ ދަށުން އުފެދޭ ބާ ކައުންސިލް އިންތިހާބު ކުރެވޭ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ޖޭއެސްސީއަށް މެމްބަރަކު އިންތިހާބު ކުރަން ގާނޫނުން ލާޒިމްކުރާއިރު، ބާ ކައުންސިލްގެ އިންތިހާބު މިއަދުން ފެށިގެން 21 ދުވަހުގެ ތެރޭގައި ބާއްވަންޖެހޭނެ އެވެ.
އާ ގާނޫނާއެކު ލަތީފާގެ މަގާމު ގެއްލިފައިވާއިރު، އޭނާ ޖޭއެސްސީއަށް މެމްބަރުކަމާ ހަވާލުވީ 2014 ވަނަ އަހަރު 283 ވޯޓާއެކުއެވެ. އަދި އޭނާގެ ފަސް ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހުއެވެ.
ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސްކަމަށް އިންތިހާބު ކުރެވޭ މީހަކާއި ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސްކަމަށް އިންތިހާބު ކުރެވޭ މީހަކާއި ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލެއްގެ މައްޗަށެވެ.
ގާނޫނީ ފަންނުގެ ބިލުގެ މައިގަނޑު މަގުސަދަކީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓްކޮށް ފިޔަވަޅު އަޅައި, ބެލެހެއްޓުމާއި ގާނޫނީ ވަކީލުންނަށް އިތުރަށް ތަމްރީން ދީ ގާނޫނީ ފަންނު ތަރައްގީކޮށް ބެލެހެއްޓުމެވެ. މިގާނޫނަށް އަމަލުކުރަން ފެށުމާއެކު މިގާނޫނުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ''ދިވެހިރާއްޖޭގެ ބާ ކައުންސިލު'' ގެ ނަމުގައި ކަންތައްތައް ހިންގުމާއި, އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި, އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ހޯދުމާއި ލިބިގަތުމާއި ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގެ ހައްގު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު މުއައްސަސާއެއް އުފެދިގެންދާނެ އެވެ.