ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ގާނޫނު އަސާސީން ދީފައިވާ ބާރުތައް ނިގުޅައިގަނެ، 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ގައިޑްލައިނެއް ކަނޑައަޅާފައިވާތީ ،އެ ކަމާއި ދެކޮޅަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އެޗްއާރްސީއެމްގެ މެމްބަރުކަން ކުރައްވާފައިވާ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދްއެވެ.
އެޗްއާރްސީއެމްއިން އަމަލުކުރަންޖެހޭ ގައިޑްލައިންތަކެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން 16 ޖޫން 2015 ވަނަ އަހަރު ގައިޑްލައިންތަކެއް ކަނޑައަޅައި ހުކުމް ކޮށްފައިވަނީ، އެ ކޯޓުން އެޗްއާރްސީއެމާއި ދެކޮޅަށް ބެލި ސުމޯޓޯ މައްސަލައެއްގައެވެ.
2014 ވަނައަހަރު ހިއުމަން ރައިޓްސް ކޮމިޝަނުން ޢާންމުކުރައްވައިފައިވާ ޔުނިވާރސަލް ޕީރިއޮޑިކް ރިވިއު ރިޕޯޓުގައިވާ ކަންކަމާ ގުޅިގެން ސުޕްރީމްކޯޓުން, އެޗްއާރްސީމް އާއި ދެކޮޅަށް ބެއްލެވި ސުމޯޓޯ މައްސަލަ ބަލައި ، އެ ކޮމިޝަންގެ މަސައްކަތް ބައްޓަން ކުރާނެ ގޮތް ބަޔާންކޮށް 11 ނުކުތާގެ މައްޗަށް އެކުލެވޭ ގައިޑްލައިނެއް ސުޕްރީމް ކޯޓުން ވަނީ ނެރެފައެވެ. އެ ގައިޑްލައިންގެ ސަބަބުން ގާނޫނު އަސާސީން ހިއުމަން ރައިޓްސް ކޮމިޝަނަށް ދީފައިވާ ޤާނޫނީ ބާރާއި މުސްތަޤިއްލުކަން ކެނޑިގެން ގޮސްފައިވާ ކަމަށް ޖީހާން ހުށަހެޅުއްވި ގަރާރުގައި ވަނީ ބުނެފައިއެވެ.
ސުޕްރީމް ކޯޓުން 2015 ވަނައަހަރު ނެރެފައިވާ ގައިޑްލައިންގައި މައިގަނޑު ގޮތެއްގައި އަމުރުކޮށްފައިވަނީ، ދިވެހި ދައުލަތުގެ މޫރިތިކަން ރައްކާތެރިކުރެއްވުމަށް، ޤާނޫނީ ތަރަހައިގެ ތެރެއިން މަސައްކަތް ކުރެއްވުމަށާއި، އެޗްއާރްސީއެމުން މައުލޫމާތު އާންމުކުރާއިރު، ތެދު މައުލޫމާތު އާންމުކުރުމަށެވެ.
މެމްބަރު ޖީހާން ހުށަހަޅެއްވި ގަރާރުގައި ބުނެފައިވަނީ، މިނިވަން މުއައްސަސާތަކުގެ މައްޗަށް ގާނޫނު އަސާސީން ލާޒިމްކުރާ އެއްވެސް ޒިންމާއެއް ނުވަތަ އިލްތިމާޒެއް ހަނިކޮށް ނަފީވާފަދަ ގޮތަކަށް ހުކުމެއް ނުވަތަ އަމުރެއް ނުކުރެވޭނެ ކަމަށެވެ. ސުޕްރީމް ކޯޓްގެ އެ ހުކުމްގެ ސަބަބުން ގާނޫނު އަސާސީން އެޗްއާރްސީއެމަށް ދީފައިވާ ބާރުތައް ނިގުޅައިގެންފައިވާ ކަމަށާއި، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލާފައިވަނީ ގާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ޖީހާން ހުށަހަޅެއްވި ގަރާރުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކުން ޒިންމާ އަދާ ނުކުރާ ނަމަ، އެ ފަރާތްތައް ޒިންމާދާރު ކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެންގުމަށް ވެސް ޖީހާން ހުށަހެޅުއްވި ގަރާރުގައި ވަނީ ބުނެފައެވެ.