ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެންމެ ގިނައިން މާރކްސް ލިބިފައިވަނީ މ. ލިޔާގެ އައިމިނަތު ރުކްޝާނާ އިބްރާހިމަށެވެ.
ރުކްޝާނާ އަށް ކޮމިޓީން ވަނީ 84.33 މާކްސް ދީފަ އެވެ. ރުކްޝާނާ ވަނީ މީގެ ކުރިން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުކަންވެސް ކުރައްވާފައެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ރުކްޝާނާ އައްޔަންކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހުއެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ކުރިމަތިލެއްވި 26 ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ 15 އެޕްރީލްގައެވެ.
މެމްބަރުކަމަށް އައްޔަންކުރުމަށް އެކަށީގެންވާ ބޭފުޅުންގެ ގޮތުގައި ބަލަނީ ކޮމެޓީ މަރުހަލާގައި 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ކުރިމަތިލެއްވި 26 ބޭފުޅުންގެ ނަމުގެތެރެއިން 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބުނީ 4 ބޭފުޅުންނަށެވެ.
މަތިން މާރކްސް ހޯއްދަވާފައިވާ 4 ބޭފުޅުންނަކީ:
- އައިމިނަތު ރުކްޝާނާ އިބްރާހިމް، މ. ލިޔާގެ - 84.33 މާރކްސް
- އަލީ މުހައްމަދު މަނިކު ދަފްތަރު ނަމްބަރު 1851 - 78.83 މާރކްސް
- ޑޮކްޓަރު އައިޝަތު ޝެހެނާޒް އާދަމް މ. އެމޭޒަން - 77.57 މާރކްސް
- ޔޫސުފް މާނިއު މުހައްމަދު ގ.އަތަ - 77.57 މާރކްސް
މާރކްސް ދިނުމުގައި ކޮމިޓީން ބަލާފައިވަނީ ގާބިލް ކަމާއި، ތަޖްރިބާގެ އިތުރުން ތައުލީމަށެވެ.
އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް މީހަކު އައްޔަންކުރަނީ، އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އިންޓެގްރިޓީ ކޮމިޝަނުގައި ފަސް މެމްބަރުން ތިއްބަވައެވެ. އެއީ ހައްސާނު ހަމީދު، ޚަދީޖާ އަބްދުﷲ، އަހުމަދު އަމީނު، އަހުމަދު ސުލައިމާނުއެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފައްދާފައި ވަނީ 2016 ވަނަ އަހަރެއެވެ. އެއީ ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ކަސްޓަމްސްގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އުވާލުމަށް ފަހު އުފައްދާފައިވާ ކޮމިޝަނެކެއެވެ.