އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީއާ, ބްރޮޑްކޮމްގެ ކުރީގެ ނައިބް ރައީސް އިސްމާއީލް ސޮފްވާންއަށް ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ބުދަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި މިގޮތަށް ފާސްކުރީ ކޮމެޓީގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމެޓީގެ މެމްބަރުން ވިދާޅުވީ އޭސީސީ ރައީސް ލުތުފީ މާގާމުން އިސްތިއުފާ ދެއްވިކަމުގެ މައުލޫމާތު ލިބުނީ މީޑިއާއިން ކަމަށާއި، ރައީސް އޮފީހަށާއި، މަޖިލީހަށް އިސްތިއުފާ ދެއްވިކަމުގެ އީމެއިލްއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީމެއިލް ވެރިފައި ނުކުރެވޭ ކަމަށް ކޮމެޓީގެ މެމްބަރުން ވިދާޅުވި އެވެ. އެހެންވެ ނިންމީ ރައީސް އޮފީހުން ވަކިގޮތަކަށް އަންގަންދެން ގޮތެއް ނުނިންމުމަށެވެ.
ކޮމެޓީގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މައްސަލައަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރައްވާ މުސާރަ ނެންގެވި މައްސަލަ ކަމަށާއި، ލުތުފީއާ ސޮފްވާންގެ މައްޗައް މިކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަކީ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރާ ބައެއްގެ ކިބައިން ފެންނަންޖެހޭ ކަމެއް ކަމަށެވެ.
ހުރިހާ މިނިވަން މުއައްސަސާތަކެއް އޮތީ ފެއިލްވެފައި. އަޅުގަނޑުމެންނަށް ހުރިހާ މިނިވަން މުއައްސަސާތަކެއް ކޮމެޓީއަށް ގެންނަން ޖެހޭނެ އެބޭފުޅުންނާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅެއް އަޅަން ޖެހޭނެ. އެހެންވީމަ އަޅުގަނޑުމެން އެއިޖުރާއަތު ފުރިހަމަ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅަމުންދާންވީ. ފަސްޖެހޭކަށް ނުޖެހޭ. ގާނޫނީ އިމުގެ ތެރެއިން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވަރަށް ކެރިގެން ކުރާ ބައެއްގެ ގޮތުގައި ވާންޖެހޭ.މެމްބަރު އަބްދުﷲ ވިދާޅުވި
މިމައްސަލައާ ގުޅިގެން ކޮމެޓީން ނިންމީ ރިޕޯޓު އެކުލަވާލުމުގެ ކުރިން ޖަވާބުދާރީވުމަށް ލުތުފީއަށް ފުރުސަތު ދިނުމަށް ކަމަށެވެ.