ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ނިންމާފައިވަނީ ރަނގަޅަށް ކަމަށް ޖުޑީޝަރީ ކޮމެޓީން ނިންމައިފި އެވެ.
މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު, މެޖިސްޓްރޭޓްކަމުން ވަކިކުރަން ހުށަހެޅި މައްސަލަ އިތުރަށް ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ އަންގާރަ ދުވަހުގެ ޖަލްސާގައެވެ. މައްސަލަ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ. އަސްލަމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްއެވެ.
އަސްލަމް ހުށަހަޅުއްވާފައިވަނީ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު، މެޖިސްޓްރޭޓްކަމުން ވަކިކޮށް ދިނުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، އެ ކޮމިޝަނުން ފުރިހަމަ ކުރަންޖެހޭ އިޖްރާއަތްތަށް ފުރިހަމަކޮށްފައިިވޭތޯ ބެލުމަށެވެ.
ކޮމިޓީއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު، ކޮމިޓީގެ ރިޕޯޓް ވަނީ ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހަޅާފައެވެ. ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް އިއްވީ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.
ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ކޮމިޓީން މި މައްސަލަ ދިރާސާ ކުރިއިރު ބަލާފައިވަނީ، މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބަލާފައިވަނީ، ޖޭއެސްސީގެ އިޖްރާއަތްތަކާއި އެއްގޮތަށްތޯ ކަމަށެވެ. އަދިި މައްސަލަ ބެލުމަށްފަހު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނިންމާފައިވަނީ، ޖޭއެސްސީގެ އިޖްރާއަތްތަކާއި އެއްގޮތަށް މި މައްސަލަ ނިންމާފައިވާކަމަށެވެ. އެހެންކަމުން އެއީ އެ ކޮމިޝަނުން ރަނގަޅަށް ނިންމާފައިވާ ނިންމުމެއްކަމަށް ކޮމެޓީން ކަނޑައަޅާފައިވެއެވެ.
މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރު ކަމުން ވަކި ކުރުމާއި މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމައިދިނުމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ.
މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މެޖިސްޓްރޭޓްކަމުން ވަކިކުރުމާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 11 މެމްބަރުންގެ ތެރެއިން 10 މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައި ނުވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ. ހިސާން އަކީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރަށް ވުމާއެކު، ޖޭއެސްސީގައި ގުޅޭ ގޮތުން ޖުޑިޝަރީ ކޮމިޓީން ބާއްވާ ބައްދަލުވުންތަކުގައި ހިސާން ބައިވެރިނުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
މިއީ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހެޅި ފުރަތަމަ ފަހަރު އެވެ.