ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ޝަރީއަތުގެ ލަސްވަމުން އަންނާތީ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ކުއްލި މައްސަލަ ހުށަހެޅުއްވީ އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއެވެ. ކުއްލި މައްސަލަ ވަނީ މަޖިލީހުގައި ބަހުސް ކުރަން ފެންނަ ކަމަށް ބަލައިގެންފައެވެ. އަދި ބަހުސްކުރަން އެދިިވަޑައިގެންނެވި ހުރިހާ މެމްބަރުންނަށް ފުރުސަތުދީފައިވެއެވެ.
މެމްބަރު މުހައްމަދު ވަހީދު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގައި ބުނެފައިވަނީ ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ އެތައް ބައެއްގެ ގިނަ މައްސަލަތަކެއް ޝަރީއަތުގެ މަރްހަލާގައި ނުނިމި ލަސްވަމުންދާކަމީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ. އަދި ތުހުމަތު ކުރެވިފައިވާ ވައްކަމާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ ބޮޑެތި މައްސަލަތަކުގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ހިނގަދިޔަ ގާނޫނު އަސާސީއާއި، ގާނޫނުތަކާ ޚިލާފު އެތައް ކަމެއްގެ ބަލައި ފިޔަވަޅު އެޅިގެން ދިއުމަކީ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާ ކަމެއް ކަމަށް މެމްބަރު ވަހީދު ހުށަހަޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް ސުޕްރީމް ކޯޓްގެ ފުރާޅުން ޓިނު ނަގައި، އުއްތަމަ ފަނޑިޔާރާއި އެ ކޯޓްގެ އިތުރު ފަނޑިޔާރަކާއި، ސިޔާސީ ލީޑަރުން ޖަލަށްލައި، ހިނގައިދިޔަ އެތައް އެތައް ކަމެއްގެ ޖަވާބު ލިބުން އެއީ ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގެއްކަމަށްވެސް ކުއްލި މައްސަލާގައި ބުނެފައިވެއެވެ. އަދި އެކަންކަން ނުބެލި ޝަރީއަތް ނުކުރެވި ދިގުލައިގެންދާ ދިއުމަކީ ރައްޔިތުންގެ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ބުނެފައެވެ.
މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓަށް އަހަންޖެހޭ ކަންކަމަށް ވޯޓަށް އެހުމަށް ތާވަލްކޮށްފައިވަނީ މެންދުރުފަހު 2:20 އަށެވެ. އެވަގުތުގައި ކުއްލި މައްސަލައަށް ވޯޓަށް އަހާނެކަމަށް ރިޔާސަތުން އިއުލާންކޮށްފައިވެއެވެ.