ހއ. ދިއްދޫގައި ސަރުކާރުން އިމާރާތް ކުރި ހައުސިންގ ޔުނިޓުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އަލުން އިއުލާނު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެރަށު ކައުންސިލަށް އަންގައިފި އެވެ.
އޭސީސީން މިގޮތަށް އެކައުންސިލަށް އެންގީ 250 ހައުސިންގ ޔުނިޓުގެ ތެރެއިން ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ވަކި ފަރާތްތަކަކަށް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނާ މައްސަލަ ބެލުމަށްފަހުއެވެ.
އޭސީސީން ބުނީ ދިއްދޫގައި އިމާރާތްކުރި 250 ހައުސިންގ ޔުނިޓުގެ ތެރެއިން 140 ހައުސިންގ ޔުނިޓް ދޫކުރުމަށް އެރަށުގެ ކައުންސިލްގެ އިދާރާއިން 19 އެޕްރީލް 2015 ގައި އިއުލާންކޮށް، އެ އިއުލާނާ ގުޅިގެން ދޫކުރުމަށް ހަމަޖެއްސި ހައުސިންގ ޔުނިޓްތައް ދޫކޮށް އެ ޕްރޮސެސް ނިމިފައިވާ ކަމަށެވެ. އަދި ބާކީހުރި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 100 ހައުސިންގ ޔުނިޓް ދޫކުރުމަށް 30 ޖުލައި 2018 ގައި ހައުސިން މިނިސްޓްރީން އިއުލާންކޮށް އެއިއުލާނާ ގުޅިގެން އެކަމަށް އެދި އެތައް ބަޔަކު ހުށަހަޅާފައިވާ ކަމަށެވެ.
އޭސީސީން ބުނީ ހައުސިން މިނިސްޓްރީ ކުރި އިއުލާން ބާތިލުކުރިކަން އާންމުންނަށް އިއުލާން ކޮށްފައިނުވާއިރު، 2015 ވަނަ އަހަރު ކުރެވުނު އިއުލާނާ ގުޅިގެން އެކަމަށް އެދުނު ފަރާތްތަކުގެ ތެރެއިން ބަޔަކަށް ބާކީހުރި ހައުސިންގެ ޔުނިޓްތައް ދޭގޮތަށް ހަމަޖެއްސުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބާކީހުރި 110 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ކައުންސިލުން މިމަހު 09 ގައި ކޮށްފައިވާ އިއުލާނާއި ބާކީހުރި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 100 ހައުސިން ޔުނިޓް ދޫކުރުމަށް ހައުސިން މިނިސްޓްރީން 30 ޖުލައި 2018 ގައި ކޮށްފައިވާ އިއުލާން ބާތިލުކޮށްފައިވާ ކަމަށެވެ.
އެކަންކަން ފާހަގަކޮށް އޭސީސީން ބުނެފައިވަނީ ބާކީހުރި ހައުސިންގ ޔުނިޓްތައް ދޫކުރާނެ އުސޫލަކާއި، ޕޮއިންޓް ދޭނެ އުސޫލެއް އަލުން ކަނޑައަޅައި އެ އުސޫލުތަކާ އެއްގޮތަށް، މިހާރު އެކަމަށް އެދޭ ހުރިހާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭގޮތަށް، އަލުން އިއުލާންކޮށްގެން އެކަން ކުރިޔަށް ގެންދިޔުމަށް ދިއްދޫ ކައުންސިލަށް އަންގާކަމަށެވެ.
ދިއްދޫގައި އިމާރަތްކުރި އެ ހައުސިން ޔުނިޓްތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަސައްކަތް ފަށައި، ކުރިއަށްގެންދިޔަ މަސައްކަތެކެވެ.