Advertisement
ކ. މާލެ
|
25 ޖޫން 2019 | އަންގާރަ 13:42
މާފުށީ ޖަލު
މާފުށީ ޖަލު
ޓްވިޓަރ
މަޖިލިސް 2019
ޖަލުގައި ހިނގައިދިޔަ ހާދިސާ ކޮންޓްރޯލް ކުުރުމަށް އަވަސް ފިޔަވަޅު އަޅާފައިވޭ: ކޮމިޓީ ރިޕޯޓް
ކޮމިޓީން މި މައްސަލަ ބަލާފައިވަނީ 22 ޖޫންގައި ބޭއްވި ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި
ޖަލުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިވާ ނުވާކަން ކޮމިޓީގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައި
ޖަލުގައި ހުރި ހައްލު ކުރަންޖެހޭ މައްސަލަތައް ހައްލުކުރެވިފައި ނުވަނީ ބަޖެޓްގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށް ކޮމިޓީގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައި

މާފުށީ ޖަލުގައި ޖޫން މަހުގެ 20 ވަނަ ދުވަހު ހިނގާދިޔަ ހާދިސާ ކޮންޓްރޯލް ކުރުމަށް، އެ ވަގުތު އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް، އެ މައްސަލަ ދިރާސާ ކުރެއްވި ކޮމިޓީން ނިންމައިފިއެވެ.

މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލާފައި ވަނީ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. ޖަލުގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވާފައި ވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

މި މައްސަލަ ކޮމިޓީން ބެލުމަށް ފަހު، ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ވަނީ އަންގަރާ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް އިއްވާފައެވެ. ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް އިއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއެވެ.

Advertisement

ރިޕޯޓް ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ ކޮމިޓީން މި މައްސަލަ ބަލާފައި ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާ ގުޅިގެން ކަމަށާއި، އެ ހާދިސާގައި އިންސާނީ ހައްގަކަށް އަރައިގެންފައިވޭތޯ ބަލަމުން އަންނަނީ ހިއުމަން ރައިޓްސް ކޮމިޓީން ކަމަށެވެ.

ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު ޝަރީފް ވިދާޅުވީ އެ ކޮމިޓީން ބަލާފައިވަނީ، ޖަލުގައި ހިނގައިދިޔަ ހާދިސާގައި ކަމާއި ބެހޭ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ އާއި، އެ މައްސަލައިގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ހިނގާފައިވޭތޯ ކަމަށެވެ.

ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

މެމްބަރު ޝަރީފް ވިދާޅުވީ ކޮމިޓީން ބެލި ބެލުމުން ޖަލުގައި ހިނގައިދިޔަ ހާދިސާގައި ކަމާއި ގުޅުން ހުރި މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ނެތް ކަން ކޮމިޓީން ބެލި ބެލުމުން ފާހަގަވެފައިވާ ކަމަށެވެ.

ކޮމިޓީން މި މައްސަލަ ބެލި އިރު، ޖަލުގައި ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތައް ހުރިކަން ފާހަގަވެފައިވާ ކަމަށް ކޮމިޓީގެ ރިޕޯޓް އިއްވަމުން ޝަރީފް ވަނީ ވިދާޅުވެފައެވެ.

ސަލާމަތީ ގޮތުން ވަރުގަދަ ކުރަން އަޅަންޖެހޭ ފިޔަވަޅު ނޭޅި ހުރި ކަމާއި، ޖަލުގައި ސީސީޓީވީ ކެމެރާ ނެތް ކަމަށް ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި ސަލާމަތީ ގޮތުން ޖަލު ވަރުގަދަ ކުރުމަށްޓަކާ، ޖަލުގެ ވަށާފާރު ނުރޭނި ހުރިކަން ފާހަގަވެފައިވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޖަލުގައި ތިބި ގައިދީން ބަލަހައްޓަން އެކަށީގެންވާ ތަމްރީން ދެވިފައި ތިބި މުވައްޒިފުން ނެތް ކަމަށާއި، ޖަލުގައި ތިބި ގައިދީންނާއި އެއްވަރަށް ވަސީލަތްތައް ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ. ޖަލުގައި ތިބި ގައިދީން ރިހިބިލިޓޭޓް ކުރަން އެކަށީގެންވާ މަސައްކަތް ކުރެވިފައި ނެތް ކަމަށާއި، ބޭސް ފަރުވާގެ ދަތިކަން ޖަލުގައި ވަރަށް ބޮޑުވެފައިވާ ކަމަށް ރިޕޯޓް ހުށަހަޅުއްވަމުން ޝަރީފް ވަނީ ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ ބޭސްފަރުވާ ބޭނުންވާ މީހުންނަށް އަވަސް ފުރުސަތެއްގައި ބޭސް ފަރުވާ ނުދެވޭކަމާއި، އެއީ އަވަސް މުސްތަގްބަލެއްގައި ރަނގަޅު ކުރަންޖެހޭ ކަމެއް ކަމަށެވެ.

ޖަލުގައި ހުރި މި ފަދަ މައްސަލަތައް ހައްލުކުރެވިފައި ނުވަނީ ބަޖެޓްގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށާއި، ބަޖެޓްގައި ހިމަނައިގެން ނަމަވެސް ،އަވަސް މުސްތަގްބަލެއްގައި މި ކަމަށް ފާއިސާ ހަމަޖައްސައިދިނުމަށް ކޮމިޓީގެ ރިޕޯޓްގެ ރިކޮމެންޑޭޝަންގައި ހިމަނާފައިވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މާފުށި ޖަލުގައި ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި އޮފިސަރުންނާއި ގައިދީންނާއި ދެމެދު ހިނގި ހަމަނުޖެހުމުގައި، ހާލަތު ގޯސްވާން މެދުވެރިވީ ޖަލު ބަލަހައްޓަން ތިބި އޮފިސަރުން ކަންތައް ކުރެއްވި ގޮތުން ކަމަށް 25 ޖޫންގައި އޮތް ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް

ކޮމިޓީގެ ބައްދަލުވުމުގައި މުނާޒް ވިދާޅުވީ، އުސޫލުގެ ތެރެއިން ކަންކުރި ނަމަ އެއްވެސް ގައިދީއަކަށް ވެސް އެއްވެސް އޮފިސަރަކަށް ވެސް އަނިޔާ ނުލިބުނީސް ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް