ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރުމުގެ ބަހުސް މަޖިލީހުގައި ފަށައިފިއެވެ.
މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅުއްވާ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހަޅުއްވަމުން ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ތިނަދޫ ކޯޓްގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދާ މެދު ފިޔަވަޅު އަޅައިދެއްވުމަށް ޖޭއެސްސީއަށް މައްސަލަ ހުށަހަޅާފައި ވާތާ، ހަ އަހަރުވެފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކި ކުރުމަށް ޖޭއެސްސީން ފުރިހަމަ ކުރަން ޖެހޭ އިޖްރާއަތްތައް ފުރިހަމަކޮށް ނިންމާފައިވާ ކަމަށާއި، ދެން އޮންނާނީ މަޖިލީހުން މި ކަމަށް ގޮތެއް ކަނޑައެޅުން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ޖޭއެސްސީން ފަނޑިޔާރަކު ވަކި ކުރުމަށް ނިންމުމަށް ފަހު، މަޖިލީހަށް ފޮނުވުމުން ދެ ގަނޑި އިރު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ފަހު މި ކަމަށް ގޮތެއް މަޖިލީހުން ކަނޑައެޅެންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ހުރިހާ މެމްބަރުން މި މައްސަލައިގެ ބަހުސްގައި ބައިވެރިވެ، މި ކަމަށް ގޮތެއް ނިންމައިދެއްވުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ އެދިވަޑައިގެންފައެވެ.
މިއީ ޖޭއެސްސީގެ ތާރީހުގައި ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހަޅައި، މަޖިލިސްގެ ތަޅުމުގައި ބަހުސް ކުރެވޭ ފުރަތަމަ ފަހަރުއެވެ.
މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރުމަށް މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި، އެ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައި ވަނީ ބަދުއަހްލާގީ މައްސަލައެއްގައެވެ.
މީގެ އިތުރުން ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީ އަށް ހުށަހެޅިފައިވާ އިރު އެ މައްސަލަތައް ޖޭއެސްސީ މިހާރު ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ވެސް ހިމެނެއެވެ.