ލޯކަލް ކައުންސިލް އިންތިޚާބުގައި އިދާރީ ދާއިރާތަކުން އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު ކަނޑައެޅުމުގައި އާބާދީ ގުނާނެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން ކަނޑަ އަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހޯމަ ދުވަހު ކޮށްފައިވާ ޓްއީޓެއްގައި ބުނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ބޭނުންވާ އާބާދީ ކަނޑައަޅާނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ކައުންސިލް އިންތިޚާބުގައި އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި ތިބޭނެ ކައުންސިލަރުން ކަނޑައަޅާނީ އަބާދީގެ ނިސްބަތަށް ބަލައިގެންނެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ރަށުގެ އާބާދީ 3،000 އަށް ވުރެ ބޮޑު ނުވާނަމަ އެ ރަށެއްގައި 3 ކައުންސިލަރުން ތިބެންޖެހޭނެ ކަމަށް ކަނޑަ އަޅާފައިވާ އިރު 3،000 އަށްވުރެ އާބާދީ ބޮޑު ވެއްޖެ ނަމަ 5 ކައުންސިލަރުން ތިބެން ޖެހެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވި ގޮތުގައި ރަށްރަށުގެ އާބާދީއަށްވެސް ބަދަލު އައިސް، މެމްބަރުންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ބައެއް ރަށްތަކަކީ ކަނޑަ އަޅާފައިވާ މުއްދަތުގައި ސިޓީއަކަށްވެސް ބަދަލުވެގެން ހިނގައިދާނެ ރަށްތައް ކަމަށް އަކްރަމް ވިދާޅުވި އެވެ. ސިޓީއެއްގެ ދަރަޖަ ލިބެނީ އެރަށެއްގެ އާބާދީގައި 10،000 މީހުން ހަމަ ވުމުންނެވެ.