Advertisement
ކ. މާލެ
|
24 ޖޫން 2019 | ހޯމަ 19:47
އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 41 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަން ކުރިޔަށް ދަނީ
އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 41 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަން ކުރިޔަށް ދަނީ
ރޮއިޓަރސް
އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލިސް
އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 41 ވަނަ ސެޝަން ފަށައިފި
ޝަރުއީ ދާއިރާ އިސްލާހުކުރަން ކުރެވެމުންދާ މަަސައްކަތާ ގުޅޭ ގޮތުން ރާއްޖެއިން ބަޔާނެއް ދީފައިވޭ
ކައުންސިލްގެ ޕްރޮގްރާމް އޮފް ވާރކްގައި ހިމެނޭ އެކި ބައްދަލުވުންތަކުގައި ދިވެހިރާއްޖެއިން ބަޔާންތަކެއް ދޭނެ
ރާއްޖޭގެ ވަފުދުން ކައުންސިލްގެ ޕެނަލް ޑިސްކަޝަން އަދި އިންޓަރެކްޓިވް ޑަޔަލޮގް ތަކުގައި ބައިވެރިވެވަޑައިގަންނަވާނެ

އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 41 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަން ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ހުންނަ އ.ދ.ގެ މަރުކަޒުގައި ހޯމަ ދުވަހު ފެށިއްޖެއެވެ. 3 ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ސެޝަން ނިމެނީ ޖުލައި މަހުގެ 12 ވަނަދުވަހުއެވެ.

މިފަހަރުގެ ސެޝަން ފެށިގެން ދިޔައީ، ހައިކޮމިޝަނަރ ފޮރ ހިޔުމަން ރައިޓްސް ހަރ އެކްސެލެންސީ މިޝެލް ބަޝެލޭ ދެއްވި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިންގަމުން އަންނަ އިންސާނީ ހައްޤުތަކުގެ ޙާލަތުގެ ތަފްސީލަކުންނެވެ.

މި ހިނގާ ކައުންސިލް ސެޝަންގައި ވެސް ދިވެހިރާއްޖެއިން ބައިވެރިވެވަޑައިގަންނަވާ ވަފުދުން ކައުންސިލްގެ ޕްރޮގްރާމް އޮފް ވާރކްގައި ހިމެނޭ އެކި ބައްދަލުވުންތަކުގައި ދިވެހިރާއްޖެ ތަމްސީލްކުރައްވައި ބަޔާންތަކެއް ދެއްވާނެއެވެ. މިގޮތުން، ޕްރޮގްރާމް އޮފް ވާރކްގައި ހިމެނޭ ޕެނަލް ޑިސްކަޝަން އޮން ވިމެންސް ރައިޓް އެންޑް ކްލައިމެޓް ޗޭންޖް، އަދި މިޔަންމާގައި ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލުމުގެ އިތުރުން، ސީރިއާ އަދި ފަލަސްތީންގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީވެ ރާއްޖޭގެ ފަރާތުން ބަޔާންދެއްވާނެއެވެ. އަދި ރާއްޖޭގެ ވަފުދުން ކައުންސިލްގެ ޕެނަލް ޑިސްކަޝަން އަދި އިންޓަރެކްޓިވް ޑަޔަލޮގް ތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއަދު އދގެ ސްޕެޝަލް ރެޕަޓުއަރ އޮން ދަ އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔަރސް އާއިއެކު ކުރިއަށް ދިޔަ އިންޓަރެކްޓިވް ޑަޔަލޮގްގައި ދިވެހިރާއްޖެއިން ވަނީ ސްޓޭޓްމަންޓެއް ދީފައެވެ. ޖެނީވާގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދު ދެއްވި ސްޓޭޓްމަންޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ޝަރުޢީ ދާއިރާ އިސްލާހުކޮށް، ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

Advertisement

އެގޮތުން ކޯޓުތަކުގެ ސްޓްރަކްޗަރއާއި ކޯޓުތައް ހިންގުން ހަރުދަނާކުރުމާއި، ފަނޑިޔާރުންނާއި ގުޅޭ ޝަކުވާތައް ޖުޑީޝަލް ސަރވިސަސް ކޮމިޝަނަށް ހުށަހެޅުމުގެ މަގު ފަސޭހަކުރުމާއި ޝަކުވާ ބެލޭނެ އިންތިޒާމް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ލީގަލް ޕްރޮފެޝަންސް އެކްޓްގެ ބިލާއި، އެބިލުގެ ސަބަބުން ނިކުންނަ ނަތީޖާތަކުގެ މައްޗަށް ވެސް ދާއިމީ މަންދޫބުގެ ސްޓޭޓްމަންޓްގައި ބައްލަވާލެއްވިއެވެ.

41 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނަވާނީ، ދިވެހިރާއްޖޭއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު، ޑރ. ހާލާ ޙަމީދެވެ. އަދި އެ އެކަމަނާއެކު، އެ އޮފީހުގެ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ޙަވްލާ އަޙްމަދު ދީދީ، ފަސްޓް ސެކްރެޓަރީ، ޝާހިޔާ އަލި މަނިކް އަދި ފަސްޓް ސެކްރެޓަރީ، އާއިޝަތު ޝަހުލާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ހިއުމަން ރައިޓްސް ކައުންސިލްއަކީ 47 މެންބަރުން ހިމެނޭ، ދުނިޔޭގެ އިންސާނީ ހައްޤުތައް ކުރިއެރުވުމަށް ބާރުއެޅުމަށް އަދި އެކަމާ ގުޅޭ އެންމެ އިސް މަޝްވަރާތަކާ ނިންމުންތައް ނިންމޭ މަޖްލީހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް