އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ސަރުކާރުން ހުޅުވާ ލައިފިއެވެ.
މި ފުރުޞަތު ހުޅުއްވައިލައްވައިފައިވަނީ ހޯމަ ދުވަހުން ފެށިގެން 1 ޖުލައި 2019 ވާ ހޯމަދުވަހުގެ 12:00 އަށެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އޭސީސީގައި މިހާރު ތިއްބެވި ފަސް މެމްބަރުންނަކީ ސެޕްޓެމްބަރު، 2014 ގައި އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅުންނެވެ. އެ ބޭފުޅުންގެ މެމްބަރުކަމުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހު ހަމަވާނެ އެވެ.
އުމުރުން 25 އަހަރު ވެފައިވާ ދިވެއްސަކަށް ވުމާއި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ވޭޭތުވެދިޔަ ފަސް އަހަރު ސާބިތުވެފައި ނެތުމާއި ސިޔާސީ މަގާމެއް ނުވަތަ އިންތިޚާބީ މަގާމެއް ނުވަތަ ސަރުކާރުގެ އެހެން ވަޒީފާއެއް އަދާ ކުރަމުން ނުދިއުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން އޭސީސީގެ މެމްބަރު ކަމަށް ކުރިމަތި ލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައ ހިމެނެއެވެ.
މީގެ އިތުރުން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ކުށެއް ނުވަތަ މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނުވުމާއި ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ ނަމަ، އެ ހުކުމެއް ނިމުނުތާ ފަސް އަހަރު ވެފައިވުން ޝަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ.
އޭސީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒް ރަޝީދާއި މެމްބަރު ސަފްވަތު މުހައްމަދާއި ޔަޒްމީދު އަހުމަދާއި އާމިނަތު މިންނާ އެވެ. އޭގެ ތެެރެއިން ލުތުފީ އާއި މުއައްވިޒް އެ ކޮމިޝަންގައި މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ މެމްބަރު ކަމުގެ ދެވަނަ ދައުރެވެ.