މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ގައުމީ ސަލަމާތަށް ނުރައްކަލެއް މިވަގުތު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި އޮފިސަރުންނާއި ގައިދީންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީ އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ހާޒިރުކޮށް ސުވާލު ކުރެއްވުމަށްފަހު އާދިއްތަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ނިންމަވާފައިވަނީ އެ ހަމަނުޖެހުންތަކަކީ، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ނޫން ކަމަށެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ވިލުފުށި ދާއިރާ މެމްބަރު ހަސަން އަފީފު ވިދާޅުވީ، ސާފުކުރި މައުލޫމާތުން އެނގޭގޮތުގައި މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިވާ ކަމަށެވެ.
މުނާޒްއާއި ސުވާލުކުރުމުން ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ޖަލުގައި ޖާގައިގެ ދަތިކަމާއި، ގާއިމް ކުރަންޖެހޭ ވަސީލަތްތައް ނެތުމާއި، މުވައްޒަފުންގެ ދަތިކަމާއި އަދި ޖަލުގެ ވަށާފާރު ރޭނުމުގެމުހިއްމުކަން ފާހަގަ ކުރެވިގެން ދިޔަ ކަމަށް އަފީފް ވިދާޅުވިއެވެ.
އެކަން ކަން އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ހުށަހަޅަންޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ އެ މައްސަލައަކީ ސަލާމަތާ ގުޅުންހުރި ކަމަކަށްވުރެ ބޮޑަށް ހިއުމަންރައިޓްސްގެ މައްސަލައެއް ގޮތުގައި ކަމަށެވެ.
ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފު ވިދާޅުވީ، އެކަންކަން މަޖިލީހުގެ ތަޅުމަށާއި މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީއަށް އެ ކޮމިޓީން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފޮނުވަންޖެހޭ ކަމަށެވެ.
އެކަންކަން ކޮމިޓީގެ ފައިނަލް ރިޕޯޓުގައި ހިމަނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.