ރައްޔިތުންގެ އަޑަށްވުރެން ވަރުގަދަ އަޑެއް މި ސަރުކާރުގައި ނޯންނާނެ ކަމަށް ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ޓްއަރިޒަމް މިނިސްޓްރީގައި އޮތް ޕްރެސް ކޮންފަރެންސް އެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޓްއަރިޒަމް މިނިސްޓްރީން އެންމެ އިސްކަމެއް ދޭން ޖެހޭނީ ރައްޔިތުންގެ އިތުބާރު ދަމަހައްޓަން ކަމަށާއި ރައްޔިތުންގެ އަޑު އަހައިގެން މި ސަރުކާރު ހިންގުމަކީ އެއީ މި ސަރުކާރުގެ އަމާޒް ކަމަށެވެ.
އަދި ދިވެހި ރައްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުގެ އިންވެސްޓަރ ޓްރަސްޓް ނުގެއްލޭނެހެން ކަންކަން ތަރުތީބު ކުރުމަކީ ސަރކާރުން އިސްކަމެއް ދޭ ކަމެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
" ކުރީގެ ސަރުކާރުން ދެމެހެއްޓެނިވި ގޮތަކަށް އަދި ތިމާވެއްޓަށް ބެލުމެއް ނެތި ކަންކަން ނުކުރުމުގެ ސަބަބުން އިންވެސްޓަރުންނަށާއި ރައްޔިތުންނަށް ވަރަށް އުނދަގޫ ކަންތައްތަކަކާއި ކުރިމަތިލާންޖެހިފައިވޭ. ނަމަވެސް އަޅުގަނޑު މިއަދު ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ ލާމަރުކަޒީ ނިޒާމާއި ރައްޔިތުންގެ އަޑަށްވުރެން ވަކި ވަރުގަދަ އަޑެއް މި ސަރުކާރުގައި ނޯންނާނެ ކަމަށް." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މިނިސްޓަރ ވިދާޅުވީ އަތޮޅު ތަކުގައި ވަކި ސަރަހައްދު ތަކެއް ހިމާޔަތް ކުރުމަކީ މި ސަރުކާރުން އިސްކަން ދޭ ކަމެއް ކަމަށާއި އެ މަސައްކަތް ފެށިގެން ކުރިއަށް ދާ ކަމަށެވެ.
އެގޮތުން ބޮޑުތިލަދުންމަތިން ކޭލަކުނު ފަދަ ތަންތަނަކީ މިހާރުވެސް ހިމާޔަތް ކުރެވިފައިވާ ތަންތަން ކަމަށާއި މި ވަގުތުވެސް އެންވަޔަރުމެންޓް މިނިސްޓްރީން ބައެއް ސަރަހައްދު ތަކުގައި ތިމާވެއްޓާއި ގުޅުން ހުރި މިފަދަ ނިންމުންތައް ނިންމަމުން ދާކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ޓްއަރިޒަމް މިނިސްޓްރީން ތިމާވެއްޓަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީން ކަން އެހެން މިނިސްޓްރީ ތަކަށް ދޭން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
" އެމްއެމްޕީއާރުސީއަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅު ތަކަށް ބަލާއރު ވެސް އެއީ ބަޔޮސްފަޔަރ ރިޒާރވްގައި ހިމެނޭ ތަނެއްވިޔަސް އަދި އެނޫން ތަނެއްވިޔަސް ރާއްޖޭގެ ތިމާވެއްޓަން ގެއްލުން ލިބޭނެފަދަ ތަނެއްނަމަ އެތަނެއްގައި މަސައްކަތް ކުރިއަށް ނުގެންދިއުމަށް ކަމާބެހޭ ސެކްޝަންތަކަށް މިހާރު ވާނީ އަންގާފައި . އެހެންވީމަ ރައްޔިތުނަށް ދޭން ބޭނުންވާ އެޝުއަރެންސަކީ އަޅުގަނޑުމެން ވަޢުދުވީގޮތަށް ހުރިހާ ކަމެއް ވެސް ތަރުތީބުވެގެން ދާނެ ކަމަށް." އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެމްއެމް ޕީއާރުސީއަށް ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކާއި ގުޅިގެން ނިންމާ ނިންމުންތައް ބަންޑާރަ ނައިބުގެ ލަފާފުޅާއި އެއްގޮތަށް ނިމިގެންދާނެ ކަމަށާއި އަދި ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން މި މައްސަލަތައް ނިމިގެން ދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ . އަދި މިނިސްޓްރީ އަށް އޮތް އެންމެ ބޮޑު ކަންބޮޑު ވުމަކީ ވެސް އެއީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.