މި ސަރުކާރުގެ ޖަޒީރާ ދިރިއުޅުމުގެ ސިޔާސަތުގެ މައިގަނޑު ވިސްނުމަކީ ރަށުގައި ހިންގޭ ތަރައްގީގެ ކޮންމެ ކަމަކީ ވެސް ދެކޮޅުޖެހޭ ކަމަކަށް ވުން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސުކޫލްތަކުގެ ދަރިވަރުން އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއާ ބައްދަލުކުރުމަށް އާދިއްތަ ދުވަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ ތަރައްގީގެ މަސައްކަތްތައް ހިންގަންޖެހޭނެ ކަމަށާއި އެކަމަކު އެ މަސައްކަތްތަކަކީ ފިތުރަތާ އިދިކޮޅު، ގުތުރަތީ ރޭވުމާއި ހިލާފަށް ހިންގޭ މަސައްކަތަކަށް ވާންނުޖެހޭ ކަމަށެވެ.
އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރެވޭނެ ގޮތްތަކަށް އަލިއަޅުވާލަމުން އެމަނިކުފާނު ވިދާޅުވީ އެއްގޮތަކީ ޕްލާސްޓިކުން ނަގާ ޓެކްސް ބޮޑުކުރުމުން ކަމަށާއި އަނެއް ގޮތަކީ މީހުންނަށް ކަންކަން އޮޅުންފިލުވައިދީގެން މީހުން އަމިއްލައަށް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުން ކަމަށެވެ.
އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ސުކޫލް ކުދިންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކަށް ގޮތެއް ހޯދައިދޭން ބޫނުން ކަމަށާއި އަދި ގޮތެއް ހޯދޭނެ ކަމަށެވެ. އަދި ކުދިންގެ ކަންބޮޑުވުންތައް މަޖިލީހުގެ ތަޅުމަށް ގެންގޮސްދޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ސުކޫލުކުދިންނަށް ދެއްވިއެވެ.